މީގެ 29 އަހަރުކުރިން ސްޕެއިނުން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ ”ޑިފްތޭރިއާ“ ބަލި އުމުރުން އެންމެ ހަ އަހަރުގެ ކުއްޖެއްގެ ގައިން ފެނިއްޖެ އެވެ.
އެގައުމުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެ ބައްޔަކީ މީގެ 29 އަހަރުކުރިން 1986 ގައި އެ ގައުމުން ނައްތާލާފައިވާ ބައްޔަކަށްވާއިރު އެ ބަލީގެ ވެކްސިން ހޯދަން ސްޕެއިންގެ ސިއްހަތާބެހޭ ވުޒާރާއަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހުނެވެ. އެގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި އެމެރިކާގެ ސިއްހަތާބެހޭ މުއައްސަސާތަކުން އެހީތެރިކަން ހޯދަން ޖެހުނެވެ. އެންމެ ފަހުން ވެކްސިން ލިބޭގޮތްވީ ރަޝިޔާއިން ކަމަށާއި ރަޝިޔާއިން މިހާރު ވެކްސިންގެ އެއް ޑޯޒް ގެނެސް އެ ކުއްޖާއަށް ފަރުވާ ދޭން ފަށާފައިވާއިރު އިތުރު ޑޯޒްތައް މާދަމާގެ ވަގުތެއްގައި ސްޕެއިނަށް ގެނައުމަށް ހަމަޖެހިފައިވާކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
“ އެ ކުއްޖާގެ އަށް ޑިފްތޭރިއާ ޖެހެން މެދުވެރިވީ ތުއްތު ދުވަސްވަރު ވެކްސިން ނުދޭތީ، ކުއްޖާގެ ބެލެނިވެރިންނަކީ ވެކްސިން ދިނުން ކަހަލަ ކަންކަން ގަބޫލު ކުރާ ބައެއް ނޫން، މި ބަލި އާންމުގޮތެއްގައި ޖެހެނީ އުމުރުން ފަސް އަހަރުން ދަށުގެ ކުދިންނަށާއި 60 އަހަރުން މަތީގެ މީހުންނަށް“ ސްޕެއިންގެ ސިއްހީ ވުޒާރާއިން މައުލޫމާތު ދެ އެވެ.
މި ބައްޔަކީ ވައިގެމަގުން އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ފެތުރޭ ބައްޔަކަށް ވާއިރު މި ބަލީގެ ތާރީހީ ނިސްބަތަށް ބަލާއިރު ބަލި ޖެހުނު 10 މީހުންގެ ތެރެއިން އެކަކު ވަނީ މަރުވެފަ އެވެ.
މި ބައްޔަކީ ބެކްޓީރިއާގެ ސަބަބުން ޖެހޭ ބައްޔެކެވެ. މި ބަލި ޖެހުމާއެކު ކަރު ތެރެ ހިކުމާއެކު ގަދަ ހުމެއް އަންނަ ކަމަށް ވެ އެވެ. އަދި ކަރުތެރެ ދުޅަވެ ނޭވާލާ ހޮޅި ބެދޭގޮތްވެ ކެއްސަ އެވެ.
މި ބަލީގެ ތާރީހަށް ބަލާއިރު 1943ގައި ޔޫރަޕްގެ ގައުމުތަކުގައި ބަލި ފެތުރި 50 ހާސް މީހުން މަރުވި އެވެ. 1975 ގެ ފަހުން އެއްވެސް ގައުމަކުން މި ބަލި ނުފެނި އޮތުމަށްފަހު 1994 ގައި ރަޝިޔާގެ 1211 މީހަކަށް މި ބަލި ޖެހުނެވެ. 2010 ވަނަ އަހަރު ހައިތީގައި 15 އަހަރުގެ ކުއްޖަކަށް މި ބަލި ޖެހި މަރުވި އެވެ. އެކުއްޖާ މަރުވީ ސިއްހަތާ ބެހޭ ފަރާތްތަކުން ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނިކޮށެވެ.
އެންމެ ފަހުން މި ބަލި ފެނިފައިވަނީ އިންޑިއާއިންނެވެ. 2013 ވަނަ އަހަރު އިންޑިއާގެ ހައިދަރުއާބާދުގައި މި ބަލި ޖެހިގެން ތިން ކުއްޖަކު މަރުވި އެވެ.