މާލޭ ސިޓީ ކައުންސިލަށް ލިބިގެންވާ ބާރުތަކާއި އެ ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭނެ ހިދުމަތްތައް ވަޒީރުންގެ މަޖިލީހުން ކަނޑައަޅާ ގޮތަށް، ލާމަރުކަޒީ ގާނޫނު އިސްލާހުކުރުމަށް ސަރުކާރުން ހުށަހެޅި ބިލް ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފި އެވެ.
މި ބިލް މަޖިލީހަށް ބަލައިގަތީ ހާޒިރުވެ ތިއްބެވި 50 މެމްބަރުންގެ ތެރެއިން 33 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބިލް މަޖިލީހަށް ބަލައިގަތުމާ ދެކޮޅަށް 15 މެމްބަރުން ވޯޓު ދެއްވި އެވެ. މި ބިލް މަޖިލީހަށް ބަލައިގަތުމާ އެކު ބިލް އިތުރަށް ދިރާސާކުރުމަށް ގައުމީ ސަލާމަތުގެ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.
ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމް މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވި އެ އިސްލާހުގައި ބުނެފައިވަނީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނުގެ 56 ވަނަ މާއްދާ (މާލޭ ސިޓީ ކައުންސިލް) އިސްލާހުކުރުމަށެވެ.
މި މާއްދާ އަށް އިތުރުކުރާ ބައިގައި ބުނެފައިވާ ގޮތުން މާލޭ ސިޓީ ކައުންސިލަށް ލިބިދެވޭނެ ބާރުތަކާއި އެ ކައުންސިލުން ފޯރުކޮށްދޭނެ ހިދުމަތްތައް ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާ އެކު ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އަދި މާލޭ ސިޓީ ކައުންސިލުން ދިނުމަށް ރައީސް ކަނޑައަޅުއްވާ ހިދުމަތްތައް ފިޔަވައި މާލޭ ސަރަހައްދުގައި ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދޭންނީ ސަރުކާރުގެ ކަމާ ބެހޭ ވުޒާރާތަކުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.
މީގެ އިތުރުން މި އިސްލާހުގައި ބުނެފައިވާ ގޮތުން މި އިސްލާހު މަޖިލީހުން ފާސްކޮށް ގެޒެޓްކުރާތާ އެއް މަސް ތެރޭގައި، މާލޭ ސިޓީ ކައުންސިލަށް ލިބިދެވޭ ބާރުތަކާއި އެ ކައުންސިލުން ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަންވާނެ އެވެ. އަދި މާލޭ ސިޓީ ކައުންސިލުން ފޯރުކޮށްދޭނެ ހިދުމަތްތައް ކަމުގައި ނުހިމެނޭ ހިދުމަތްތަކާ ގުޅުން ހުރި އެންމެހައި ގާނޫނީ ޒިންމާތަކާއި އިލްތިޒާމްތައް އެކަމާ ހަވާލުވާ ވުޒާރާ އަށް ނަގުލުވާނެ ކަމަށް ވެސް މި އިސްލާހުގައި ބުނެފައިވެ އެވެ.