ސޮބާހުގެ ވީޑިއޯ މެސެޖުން ނަގާފައިވާ ސްކްރީންޝޮޓެއް--
ސޮބާހުގެ ވީޑިއޯ މެސެޖުން ނަގާފައިވާ ސްކްރީންޝޮޓެއް--

ދިވެހިންނަށް އިހުލާސްތެރި ހިދުމަތެއް ކޮށްދިނުމަށް ރާއްޖެއިން ބޭރުން ހިމާޔަތް ހޯދައިފިން: ސޮބާހު

މޭޑޭގައި އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮށް ބޭއްވި ބޮޑު މުޒާހަރާއާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ޖުމްހޫރީ ޕާޓީގެ ފޮރިން އެންޑް ޕަބްލިކް ރިލޭޝަންސް، ސޮބާހު ރަޝީދު ބޭރު ގައުމަކުން ހިމާޔަތް ހޯދައިފި އެވެ.

ބޭރު ގައުމަކުން ހިމާޔަތް ހޯދާފައިވާކަން ސޮބާހު އިއުލާނުކުރެއްވީ ޔޫޓިއުބް މެދުވެރިކޮށް މިރޭ އާންމުކުރި ވީޑިއޯ މެސެޖެއްގަ އެވެ.

އެ ވީޑީއޯގައި ސޮބާހު ވިދާޅުވީ މިވަގުތު ސޮބާހު ހުންނެވީ ބޭރު ގައުމެއްގައި ހިމާޔަތް ހޯދައިގެން ކަމަށާއި އެގޮތަށް ކަންތައްކުރީ ދިވެހި ރައްޔިތުންނަށް އިތުރަށް އިހުލާސްތެރި ހިދުމަތެއް ކޮށްދިނުމަށް ކަމަށެވެ. އަދި ބޭރު ގައުމަކުން ހިމާޔަތް ހޯދަން ޖެހުނީ ޔާމީނުގެ އަނިޔާވެރިކަން ދެމެހެއްޓުމަށްޓަކައި ގުރުބާންކުރެވޭ ގުރުބާނީއަކަށްނުވެ ދިވެހި ރައްޔިތުންނާއި ދިވެހި ގައުމަށް އިހުލާސްތެރިކަމާއެކު ހިދުމަތް ކުރުމުގެ ނިޔަތުގައި ކަމަށްވެސް ސޮބާހު ވިދާޅުވި އެވެ.

ސޮބާހު ވިދާޅުވީ ބޭރު ގައުމަކުން ހިމާޔަތް ހޯދަންޖެހުނީ 10 އަހަރާއި 15 އަހަރުގެ މުއްދަތަކަށް ޖަލުގައި އޮންނަން ޖެހިއްޖެނަމަ ދިދިކޮޅު ހަރަކާތައް އުނިކަން އަންނާނެކަމަށް ގަބޫލުކުރެވޭތީ ކަމަށާއި ރައީސް އަބްދުﷲ ޔާމީނާއި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބާ ދެބޭފުޅުންނަކީ އަނިޔާވެރިން ކަމަށްވާއިރު އެދެބޭފުޅުން ދެކެ ބިރުގަނެ ފަހަތަށް ނުޖެހޭނެ ކަމަށެވެ.

އެ ވީޑިއޯ މެސެޖްގައި ސޮބާހު އިތުރަށް ވިދާޅުވީ ފަނޑިޔާރުގޭގައި، ޚާއްސަކޮށް ޖިނާއީ ކޯޓުގައި ތިބި އަނިޔާވެރި ނުބައި ނުލަފާ ކޮރަޕްޓު ފަނޑިޔާރުން ޔާމީނާ އަދީބާ ގުޅިގެން ހިންގަމުންގެންދާ މަކަރާއި ހީލަތުން ފުރިގެންދާ ސިޔާސީ ޝަރީއަތްތަކާ އެ ޝަރީއަތްތައް ހިންގުމަށް މި ފަނޑިޔާރުން ނަގާފައިވާ ރިޝްވަތާއި ހިންގާފައިވާ ބޮޑެތި ކޮރަޕްޝަންގެ ވާހަކަތައް ވެސް ބައިނަލްއަގުވާމީ ސިޔާސީ ފަރާތްތަކާއި މީޑިއަށް ހާމަކުރަމުން ގެންދަވާނެ ކަމަށެވެ.

ސޮބާހު ބޭރު ގައުމަކުން ހިމާޔަތް ހޯދިކަން ހާމަކުރި ނަމަވެސް ހިމާޔަތްހޯދީ ކޮންގައުމަކުންކަން ހާމަކޮށްފައެއް ނުވެ އެވެ.

ސޮބާހުގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ މޭޑޭ މުޒާހަރާގައި އަނިޔާވެރިކަމަށް ހިތްވަރުލިބޭގޮތަށް އޭނާ ވާހަކަދެއްކެވުމުން މުޒާހަރާގެ ބައިވެރިން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަދެ ފުލުހުންނަށް ހަމަލާދީ ރައްޔިތުންގެ މުދަލަށް ގެއްލުންދީފައިވާ ކަމަށް ބުނެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *