ރާއްޖޭގެ އިގްތިސޯދު ރަނގަޅުކުރުމަށްޓަކައި މުޅި އިގްތިސޯދީ ސިޔާސަތަށް ބަދަލުތަކެއް ގެނަޔަސް އެ ބަދަލުތައް ގެންނަމުންދަނީ ޓޫރިޒަމަށް އަންނަ ބަދަލުތަކަށް ބަލައިގެން ކަމުގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ޓޫރިޒަމާ ބެހޭ އދ.ގެ ޖަމިއްޔާ (ޔޫއެންޑަބްލިއުޓީއޯ)ގެ އިރުމަތީ އޭޝިއާގެ ގައުމުތަކަށް ހާއްސަ ކޮމިޝަނާއި ދެކުނު އޭޝިއާ އަށް ހާއްސަ ކޮމިޝަންގެ ބައްދަވުމާއި ޔޫއެންޑަބްލިއުޓީއޯގެ މެމްބަރު ގައުމުތަކުގެ މިނިސްޓަރުން ފެންވަރުގެ ސަރަހައްދީ ބައްދަލުވުން ފެށުމަށް މިއަދު ބަނޑޮސް އައިލެންޑް ރިސޯޓުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވީ ދުނިޔެއާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވާތީ އެކަމަށް ރިއާޔަތްކޮށް ރާއްޖޭގެ އިގްތިސޯދީ އަދި ޓޫރިޒަމް ސިޔާސަތަށް ވެސް ބަދަލު ގެންނަމުންދާ ކަަމަށެެވެ. އެގޮތުން ގެސްޓް ހައުސް އައިލެންޑް މަޝްރޫއާއި ޔޫތު ސިޓީ މަޝްރޫއާއި ހުޅުލެ މާލެ ބްރިޖްގެ މަސައްކަތާއި ހުޅުމާލެ ދެވަނަ ފިޔަަވަހީގެ ޕްރޮޖެކްޓާއި ހަތަރު ޕަސެންޓަށް ވުރެ އިންޓަރެސްޓް ކުޑަ ލޯނުތަކަށް ސަރުކާރުން ގެރެންޓީ ދޭން ނިންމި ނިންމުމާއި އަދި 90،000 ވަޒީފާ އުފެެއްދުމަށް ކުރާ މަސައްކަތަކީ އެ ސިޔާސަތުގެ ތެރެއިން ކުރެވެމުންދާ މަސައްކަތް ކަމަށް ރައީސް ވިދާޅުވި އެވެ.
”ސަރުކާރުން ސިޔާސަތުތައް ބަދަލު ކުރަމުން ދަނީ އިގްތިސާދަށް ހެޔޮ ބަދަލުތައް ގެނައުމާއެކު ޒުވާނުންގެ ބައިވެރިވުން އިތުރު ކުރެވޭ ގޮތަށް،“ ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ސިޔާސަތުތަކަށް ގެންނަ ބަދަލުތަކާއި ގުޅިގެން މެދު ފަންތީގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރުން އިތުރުވާނެ ކަަމަށެވެ. އަދި މިބަދަލުތަކާއި ގުޅިގެން ރަށުގައި ތިބެގެން ވަޒީފާ އަދާކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވެސް ފަހިވެގެން ދާނެ ކަަމުގައި ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޓޫރިޒަމް ދާއިރާގެ ސަބަބުން ރާއްޖެއަށް އިގްތިސޯދީ އިޖުތިމާއީ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި އަދި ޓޫރިޒަމާއި ގުޅިފައިވާ ބައެެއް ދާއިރާތަކުން ދޭ ހިދުމަތްތަކުގައި ވާދަވެރިކަން އުފެދި ހިދުމަތްތައް ތަަރައްގީވެ ބައެއް ހިދުމަތްތަކުގެ އަގު ހެޔޮވެފައިވާ ކަމަށެެވެ.
ރައީސް ވިދާޅުވީ 1970ގެ އަހަރުތަކުގައި ރާއްޖެއަށް ޓޫރިޒަމް ތައާރަފް ކުރުމާއެކު އެއީ ރާއްޖޭގައި ކުރެވިދާނެ ކަމެއް ކަމާއި މެދު ބައެއް ފަރާތްތަކުން ސުވާލު އުފެއްދި ކަމަަށެވެ. ނަމަވެސް މިއަދު ރާއްޖެއަކީ ޓޫރިޒަމް ދާއިރާގައި މުޅި ދުނިޔެއަށް ވެސް ގޮންޖެހުމަށްފަހު ކުރިއަށް ގޮސްފައިވާ ގައުމެއް ކަަމަށާއި ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ދުނިޔޭގެ ބޮޑެތި ހުރިހާ ހޮޓެލް ޗެއިނަކުން ކަހަލަ ގޮތަކަށް މިއަދު ރާއްޖޭގައި ރިސޯޓްތައް ހިންގަމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.