މީގެ ކުރިން ބޭއްވި ޝަރީއަތަކަށް ފަހު ހުމާމް ކޯޓުން ނެރެނީ: ފޮޓޯ: ހަވީރު
މީގެ ކުރިން ބޭއްވި ޝަރީއަތަކަށް ފަހު ހުމާމް ކޯޓުން ނެރެނީ: ފޮޓޯ: ހަވީރު

ހުމާމްގެ ވާހަކަތައް އަނެއްކާވެސް ބަދަލުކޮށްފި

އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ އަފްރާޝީމް އަލީ އަވަހާރިކޮށްލި ކަމަށް އެއްބަސްވުމާއި ގުޅިގެން މަރަން ހުކުމްކޮށްފައިވާ ހ. ލޮބީ ހުސައިން ހުމާމްގެ މައްސަލައިގަ ހައިކޯޓުގައި ކުރިޔަށްދާ އިސްތިއުނާފު އަޑުއެހުންތަކުގައި ހުމާމްގެ ވާހަކަތައް އަނެއްކާވެސް ބަދަލުކޮށްފި އެވެ.

މިއީ އޭނާގެ ވާހަކަތަށް ބަދަލު ކުރި ހަތަރުވަނަ ފަހަރެވެ.

މީގެ ކުރިން ހުމާމް ވަނީ ކްރިމިނަލް ކޯޓުގައި ޑރ އަފްރާޝީމް މަރާލިކަމަށް އިއުތިރާފްވެފައި އެވެ. ނަމަވެސް ފަހުން މައްސަލަ އިސްތިއުނާފު ކުރުމަށް ފަހު ހައިކޯޓުގައި ބޭއްވި އަޑުއެހުންތަކުގައި ހުމާމް ވަނީ އަފްރާޝީމް މަރާނުލާކަމަށް މާތް ﷲ ގަންދީ ހުވާކޮށްފަ އެވެ. އަދި ފަހުން ވަނީ އަފްރާޝީމްގެ މަރުގެ ހަގީގަތް އެންމެ ރަނގަޅަށް އެނގޭނީ ރައީސް އަބްދުﷲ ޔާމީނަށާއި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބަށް ކަމަށް ބުނެފަ އެވެ.

އޭގެ ފަހުން މިއަދު ބޭއްވި އަޑުއެހުމުގައި ހުމާމް ބުނެފައިވަނީ ޑރ. އަފްރާޝީމް އަލީ މަރާލި މީހުންނަށް ހ. ލޮބީ ހުސައިން ހުމާމްގެ އާއިލާ ވެސް ”ދުއްވާލެވޭނެ“ ކަމަށް ބުނެ ކުށަށް އިއުތިރާފްވާން އޭރުގެ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފަޔާޒު (އެފްއޭ) ބިރު ދެއްކި ކަމަށެވެ. އެގޮތުން އެފްއޭ އޭނާއާއި ބައްދަލުކޮށް، ކުށަށް އިއުތިރާފްވާން ބިރުދެއްކެވި ކަމަށް ހުމާމް ބުންޏެވެ.

އޭނާ ބުނި ގޮތުގައި ފުލުހުންގެ ފަރާތުން ވެސް އެތައް ފަހަރަކު ކުށަށް އިއުތިރާފްވާން މަޖުބޫރުކުރި އެވެ. އަދި އޭގެ ސަބަބުން އޭނާގެ އަމިއްލަ ނަފްސަށް އަނިޔާކޮށްފައިވާނެ ކަމަށް ވެސް ބުންޏެވެ.

ހުމާމް ބުނީ އޭނާ ބަންދުގައި ހުރިއިރު ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ހާޒިރުކޮށް ވެސް، ކުށަށް އިއުތިރާފްވާން މަޖުބޫރުކުރި ކަމަށެވެ. ހުމާމްގެ އެ ހުރިހާ ވާހަކައެއް ވެސް މިއަދުގެ ޝަރީއަތުގައި ދައުލަތުން ދޮގުކުރި އެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ ޕީޖީ އޮފީހަށް ހުމާމް ހާޒިރުކުރީ ކަން ހިނގި ގޮތް އޮޅުންފިލުވަން ކަމަށާއި ވަކި ގޮތަކަށް ބަޔާން ދޭން މަޖުބޫރުކޮށްފައި ނުވާނެ ކަމަށެވެ.

ނަމަވެސް ހުމާމްގެ ވަކީލް އަބްދުﷲ ހަސީން ވަނީ އެގޮތަށް ހުމާމް ހާޒިރުކުރީ ކޮން އުސޫލެއްގެ ދަށުންތޯ ވިދާޅުވެ، ދައުލަތާ ސުވާލު ކުރިމަތި ކުރައްވައިފަ އެވެ. އެހެންވެ ދެން އޮންނަ އަޑުއެހުމެއްގައި އެއަށް ޖަވާބުދޭން ފަނޑިޔާރުންގެ ބެންޗުން ވަނީ ދައުލަތަށް އަންގަވައިފަ އެވެ.

ފަނޑިޔާރު އަލީ ސަމީރު ރިޔާސަތު ބަލަހައްޓަވާ ފަސް ފަނޑިޔާރުންގެ ބެންޗުން މިއަދުގެ އަޑުއެހުން ނިންމާލީ ދެން އޮންނާނީ އެ މައްސަލައިގެ ފަހު އަޑުއެހުން ކަން އިއުލާންކުރެއްވުމުގެ އިތުރުން ޚުލާސާކޮށް ވާހަކަ ދައްކަން ތައްޔާރުވާން ދެ ފަރާތަށް ވެސް އެންގެވުމަށް ފަހު އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ވަރަށް ޖޯކް ތަހުޤީޤު ހިނގާ މައްސަލަތަކުގައި ދައުވާ ލިބޭފަރާތް ޕީޖީ އޮފީހަށް ޙާޟިރުކުރިވާހަކަ މިއަޑުއެހީ އަދިއަލަށް. މިހާރު ހުމާމުގެ ވާހަކަ ލޮލުން ބޮލުން ގަބޫލުކޮށްފިން. ތިޔައީ ހުމާމުގެ ބޮލުގައި އަޅުވައިގެން އުޅޭ ދޮގުތުހުމަތެއްކަން ގަބޫލުކުރެވޭ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *