ރާއްޖޭގައި ހަދާ ވަގުފު އިމާރާތްތަކުގެ މަސައްކަތްތައް ބެލުމަށް އިސްލާމިކް ޑިވެލޮމެންޓް ބޭންކް (އައިޑީބީ)ގެ ވަފުދެއް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.
ރާއްޖޭގެ ތިން ސަރަހައްދެއްގައި ވަގުފު އިމާރާތް އެޅުމަށް ވަނީ ހަމަޖައްސާފަ އެވެ. އެއީ މާލޭގައާއި އައްޑޫ ސިޓީގެ އިތުރުން ފުވައްމުލަކުގަ އެވެ.
ދައުލަތުގެ ބަޖެޓަށް ބުރަ ނުވާނެ ގޮތަށް އިސްލާމީ ކަންތައްތަކަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ކުއްޔަށް ދޭނެ އިމާރާތެއް ގާއިމު ކުރުމަށް އަޅާ މި އިމާރާތްތަކަށް އައިޑީބީން ފަންޑު ހަމަޖައްސައިދޭނީ، މި އިމާރާތްތައް އެސެސްކުރުމަށް ފަހު އެކުލަވައިލާ ރިޕޯޓަކަށް ފަހު އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މާލެ އާއި އައްޑޫގައި ވަގުފު އިމާރާތް އަޅާ ބިމަށް، އެ ވަފުދުގެ ބޭފުޅުން ޒިޔާރަތްކުރައްވައި އެކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދާނެ ކަމަށެވެ. އަދި އެ ބޭފުޅުންގެ މި ދަތުރުގައި ހަދާ އެސެސްމެންޓް ރިޕޯޓުން ހަދާ ނިމުމުން އިމާރާތްތަކަށް ފަންޑު ލިބޭކަން ނުވަތަ ނޫންކަން ޔަގީންވާނެ ކަަމަށް މިނިސްޓްރީން ބުނެ އެވެ.
”ދާރުލް އީމާން“ގެ ނަމުގައި މާލޭގައި އަޅާ ވަގުފު އިމާރާތް ހެދުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. މިދިޔަ އަހަރު ހަވާލު ކުރި އެ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް ނިންމަން ޖެހެ އެވެ.
އެ އިމާރާތަށް ކުވައިތު ސަރުކާރުން މިހާތަނަށް ހަ މިލިޔަން ރުފިޔާ ދީފައިވާ އިރު އަލްޖީރިއާގެ ވިޔަފާރިވެރިއަކު ވެސް ކުރިން ވަނީ 200،000 ޑޮލަރު ހަދިޔާކޮށްފަ އެވެ.
އައްޑޫގައި ހަދާ ވަގުފު އިމާރާތަށް ފަސް މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.