ވައްކަމުގެ ކުށް ސާބިތުވި މީހަކު ފަސް އަހަރާ ހަމަހަށް ޖަލަށް

ވައްކަމުގެ ތަފާތު ތިން މައްސަލައެއްގެ ކުށް ސާބިތުވި މީހަކު ފަސް އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުވަދު އަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓުން ޙުކުމް ކޮށްފިއެވެ.

މި ތިން މައްސަލައިގެ ކުށް ސާބިތުވުމާއި ގުޅިގެން ޖަލަށް ލުމަށް ޙުކުމް ކޮށްފައިވަނީ ގދ. ގައްދޫ، ނުމާސް، މުޙައްމަދު ފުޟޫން (24އ) ގެ މައްޗަށެވެ.

ވައްކަމުގެ ތިން މައްސަލައެއްގެ ކުށް ސާބިތު ވުމާއި ގުޅިގެން މުޙައްމަދު ފުޟޫންގެ މައްޗަށް ހުވަދު އަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓުން ޙުކުމް ކޮށްފައި ވަނީ ނިމިދިޔަ މެއި މަހުގެ 28 ވަނަ ދުވަހުއެވެ.

އޭނާގެ މައްޗަށް ދަޢުލަތުން ކޮށްފައިވާ ތިން ދަޢުވާގެ ތެރެއިން ފުރަތަމަ ދަޢުވާ ޝަރީއަތުން ބެލުމަށްފަހު ކޮށްފައިވާ ޙުކުމްގައި ވަނީ ގދ. ގައްދޫ، ނޫމަސް ގޭގައި މުޙައްމަދު ފުޟޫންގެ ބައްޕަ ބަހައްޓާފައިވާ 100 ވެލާބިހުގެ ތެރެއިން 25 ވެލާބިސް ވަގަށް ނެގިކަމުގެ ކުށް މުޙައްމަދު ފުޟޫންގެ ބަހުންނާއި ހެކީންގެ ހެކިބަހުން ޝަރީޢަތަށް ސާބިތުވާކަމަށެވެ. އަދި މިއީ މުޙައްމަދު ފުޟޫންގެ މައްޗަށް ވައްކަމުގެ ޙުކުމެއް ކަނޑައެޅުނު ފުރަތަމަ ފަހަރު ކަމަށްވުމުން މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން މުޙައްމަދު ފުޟޫން 06 މަސް ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ޙުކުމް ކުރާކަމަށެވެ.

މީގެ އިތުރުން މުޙައްމަދު ފުޟޫލުގެ މައްޗަށް ދަޢުލަތުން ކޮށްފައިވާ ދެވަނަ ދަޢުވާ ޝަރީޢަތުން ބެލުމަށްފަހު ކޮށްފައިވާ ޙުކުމްގައި ގދ.ގައްދޫ ކަނބުރުގޭ ސިޓިންރޫމްގައި ހުރި މޭޒެއްގެ މަތީގައި ބާއްވާފައިވާ ނޮކިޔާ ފޯނެއް ވަގަށް ނަގައި އެފޯނު މީހަކަށް ވިއްކާފައިވާކަން މުޙައްމަދު ފުޟޫންގެ ބަހުންނާއި، ހެކީންގެ ހެކިބަހުން ޝާރީޢަތަށް ސާބިތުވާކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މިއީ މުޙައްމަދު ފުޟޫންގެ މައްޗަށް ވައްކަމުގެ ކުށް ސާބިތުވި 02 ވަނަ ފަހަރު ކަމަށް ވުމުން މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން މުޙައްމަދު ފުޟޫން 02 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ޙުކުމް ކުރާކަމަށްވެސް ޙުކުމްގައި ވެއެވެ.

ހަމައެއާއެކު 2012 އޯގަސްޓް 20 ވަނަ ދުވަހު ގދ. ގައްދޫ، ސޯސަންވިލާގެއިން 2000 ރުފިޔާއާއި ލަވަޖަހާ ސެޓެއްގެ އިތުރުން މަސްބޭނުމަށް ބޭނުންކުރާ 19 ސަތޯބުޅި ވަގަށް ނެގި ކަމުގެ ކުށް ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން މުޙައްމަދު ފުޟޫންގެ ބަހުންނާއި، ހެކީންގެ ހެކިބަހުން ޝާރީޢަތަށް ސާބިތުވާކަމަށްކަނޑައަޅައި،  މިއީ މުޙައްމަދު ފުޟޫންގެ މައްޗަށް ވައްކަމުގެ ކުށް ސާބިތުވި 03 ވަނަ ފަހަރު ކަމަށް ވުމުން މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން މުޙައްމަދު ފުޟޫން 03 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ޙުކުމްކުރާކަމަށް ގައްދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *