ދީނުގައި ވާގޮތަށް އައުރަ ނިވާނުކޮށް ޖީންސް ލައިގެން އުޅޭ އަންހެންވެރީންނާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށް ވަރުގަދަ އަޝްކަރީ އޮޕަރޭޝަނެއް ހިންގުމަށް ޕާކިސްތާނުގެ ދީނީ އިލްމުވެރިއަކު އެގައުމުގެ އަސްކަރިއްޔާއަށް ގޮވާލައިފި އެވެ.
އިސްލާމް އާބާދުގެ ހޮޓަލެއްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަސްކަރިއްޔާގެ މައްޗަށް މިކަމަށް ގޮވައިލީ ޕާކިސްތާނުގެ ޖާމިއަތް އުލޭމާ އޭ އިސްލާމީ ފަޒްލު ޖަމާއަތުގެ ވެރިޔާ މައުލާނާ ފަޒްލުރް ރަހްމާން އެވެ.
ފަޒްލުރް ރަހްމާން ވިދާޅުވީ އިންފްލޭޝަން ރޭޓް މައްޗަށް ދިއުމާއި ކާރިސާތައް ކުރިމަތިވުމާއި ވަރުގަދަ ބިންހެލުންތައް އަންނަނީ އެފަދަ އަންހެނުންނާ ހެދި ކަމަށެވެ. އަދި އެފަދަ އަންހެންވެރިންނަކީ ތަނެއް ސުންނާފަތި ކުރާވަރުގެ ހަތިޔާރުތަކެއް ކަމަށާއި ނިއުކްލިއާ މިސައިލްތަކެއް ކަމަށެވެ. އަދި ގައުމު ފަސާދަކުރަނީ ހަމަ އެފަދަ އަންހެންވެރީން ކަމަށެވެ.
”މިފަދަ އަންހެނުން ފުރިހަމަ ހިޖާބުގަ ގޭގައި ތިބޭނަމަ ތާލިބާނުން ޕާކިސްތާނުގެ ސަރުކާރާ ހަނގުރާމަކުރާކަށް ނުޖެހުނީސް، ގައުމު ފަސާދަ ނުވީސް، ގައުމުގެ އަސްލު ދުޝްމިނުންނަކީ ތެހެރީކޭ ތާލިބާން އެއް ނޫން، އަސްލު ދުޝްމިނުންނަކީ ޖިންސުލައިގެން އުޅޭ އަންހެންވެރީން“ ފަޒްލުރް ރަހްމާން ވިދާޅުވި އެވެ.
ފަޒްލުރް ރަހްމާން އިތުރަށް ވިދާޅުވީ ޖިންސުލައިގެން އުޅޭ އަންހެނުން މަދުވެއްޖެ ނަމަ ނުވަތަ އެކަން ހުއްޓިއްޖެނަމަ ގައުމުގެ އިގްތިސާދު ވަރުގަދަވެ ގައުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ.