މައްޗަންގޮޅީ ސަހަރާ ކައިރީގައި އޮންނަ ގުލްއަލާ ގޯޅި އާއި އެނބޫ ގޯޅި ފައިމަގުގައި އުޅޭ ސަރަހައްދަކަށް ބަދަލުކޮށްފި އެވެ.
އެ ދެ ގޯޅީގައި ޕާކުކޮށްފައި ހުރި ވެހިކަލްތައް މިއަދު މެންދުރު ފަހު 3:00ގެ ކުރިން ނަގަން އަންގާފައިވާއިރު ފައިމަގުގައި އުޅޭ ގޮތަށް އެ ސަރަހައްދު ބަދަލުކުރުމުގެ ރަސްމިއްޔާތު މިރޭ ބާއްވަން ވަނީ ނިންމައިފަ އެވެ.
ވެހިކަލް ނުދުއްވާ ހިތް ފަސޭހަ ސަރަހައްދުތަކެއް ކަނޑައެޅުމުގެ ޕްލޭންގެ ދަށުން މީގެ ކުރިން ހ. ރަތްވިލާގޯޅި އާއި ހީނާމަގު ބަންދުކުރި އެވެ. އެކަމަކު އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުންގެ ޝަކުވާ ބޮޑުވުމުން އެ ދެ މަގު ވަނީ އަލުން ހުޅުވާލައިފަ އެވެ.
ގުލްއަލާ ގޯޅި އާއި އެނބޫ ގޯޅި އަށް ވެހިކަލް ވަނުން މަނާކުރަން ނިންމުމުގެ ކުރިން ހައުސިން މިނިސްޓްރީން ވަނީ އެ ސަރަހައްދުގެ މީހުންނާ ބައްދަލުކޮށް ހިޔާލު ހޯދައިފަ އެވެ. އެ މަގުގައި ދިރިއުޅޭ ގިނަ ބަޔަކު ބޭނުންވީ ވެހިކަލް މަނާކުރަން ކަމަށް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.
އެ ދެ ގޯޅި ހިމެނޭ ސަރަހައްދުގެ ފިހާރަތަކަށް މިހާރު ވެސް މުދާ ވައްދަނީ އަތްގާޑިޔަލުގަ އެވެ.
ގުލްއަލާ ގޯޅި އާއި އެނބޫ ގޯޅީގައި ދިރިއުޅޭ މީހުންނަށް ހާއްސަ ޕާކިން ޒޯނެއް ވެސް މިހާރު ވަނީ ހަދައިފަ އެވެ. މައްޗަންގޮޅީ ސަހަރާގެ ހުޅަނގުގައި އަލަށް ހެދި ޕާކިން ޒޯންގައި ވެހިކަލް ޕާކްކުރެވޭނީ ޓްރާންސްޕޯޓް މިނިސްޓްރީން ހުއްދަ ދޭ މީހުންނަށް އެކަންޏެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ އޮފިޝަލުން މިހާރު އަންނަނީ އެ ދެ ގޯޅީގައި ހުރި ގެތަކަށް ގޮސް އެ ސްޓިކާ ދޫކުރަމުންނެވެ.