ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީން ގާނޫނާއި ހިލާފު ކަމެއް ކުރާނަމަ އެކަން ހުއްޓުވުމަށް ނަސޭހަތާއި އިންޒާރު ނުދީ ޖަލު އޮފިސަރުންނަށް ބާރުގެ ބޭނުން ކުރެވިދާނެ ކަމަށް ޖަލު ބަލަހައްޓާ ފަރާތްތަކުން ބާރުގެ ބޭނުން ކުރުމާއި ހަތިޔާރު ގެންގުޅުމާއި ބެހޭ ގަވާއިދުގައި ބުނެފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ގެޒެޓުކޮށްފައިވާ އެ ގަވާއިދުގައި ބުނެފައި ވަނީ ޖަލު އޮފިސަރުން ބާރުގެ ބޭނުން ކުރަންވާނީ ދިމާވެފައިވާ ހާލަތަކީ ބާރުގެ ބޭނުން ލާޒިމުވާ ހާލަތަކަށްވާ ނަމަ އެވެ. އަދި ބާރުގެ ބޭނުން ކުރާ ވަގުތު އެފަދަ ކަމެއް ކުރަންވާނީ ޒިންމާދާރު ގޮތެއްގައި ޖަވާބު ދާރީ ވެވޭ ގޮތަކަށް ކަމަށް ވެސް އެ ގަވާއިދުގައި ބުނެފައިވެ އެވެ.
ޖަލުތަކާއި ޕެރޯލުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އެ ގަވާއިދުގައި ބުނެފައި ވަނީ ގައިދީއަކު ނުވަތަ ބަންދު މީހަކު ނުވަތަ އޭގެ ތެއިން ބަޔަކު އެވަގުތެއްގައި ކުރަމުންދާ އަމަލެއް ނުވަތަ އަމަލުތަކެއް ސުލުހަވެސްރި ކަމާއިއެކު ހުއްޓުވުމަށް އަންގާ އަޑު ހަރުކޮށް ނަސޭހަތް ދެވިދާނެ ކަމަށެވެ. އަދި ބާރުގެ ބޭނުން ކުރާ ޖަލު އޮފިސަރު ނުވަތަ އެތަނުގައި ތިބި އޮފިސަރުންގެ ތެރެއިން އެންމެ އިސްކޮށް ހުންނަ މީހަކު ވަގުތަށާއި ހާލަތަށް ބެލުމަށް ފަހު އަދި އެއީ ކާކުކަން ގައިދީންނަށް އެންގުމަށް ފަހު ބާރުގެ ބޭނުން ކުރާނެކަން އަންގާ އިންޒާރު ދެވިދާނެ ކަމަށެވެ.
ޖަލު އޮފިސަރުންނަށް ބާރުގެ ބޭނުން ކުރެވޭ ހާލަތްތަކުގެ ތެރޭގައި ގަވާއިދުގައި ބުނެފައި ވަނީ ބަލައި ފާސްކުރުމަށް ދެކޮޅު ހެދުމާއި އޮފިސަރަކަށް ނުވަތަ އެ ނޫން މީހަކަށް ހަމަލާއެއް ދިނުން ނުވަތަ އެފަދަ ކަމެއް ކުރަން މަސައްކަތް ކުރުމާއި ގައިދީއަކަށް ދޭން ޖެހޭ ސިއްހީ ފަރުވާއެއް ލިބިގަތުމަށް ހުރަސް އެޅުމެވެ. އަދި ސަރުކާރުގެ އިމާރާތަކަށް ގެއްލުންދީ ހަމަނުޖެހުން ހިންގާ ޖަލުގެ ސަލާމަތާއި ރައްކާތެރިކަމާއި މަސްލަހަތު ގެއްލޭ ފަދަ ކަމެއް ކުރުން ވެސް ހިމެނެ އެވެ.
މީގެ އިތުރުން އަމިއްލަ ނަފުސަށް ގެއްލުން ދިނުން ނުވަތަ ގެއްލުން ދިނުމަށް ގައިދީއަކު މަސައްކަތް ކުރުމާއި ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ޖަލު އޮފިސަރުންގެ އަމުރުތަކަކަށް ކިޔަމަންތެރި ނުވުމުގެ އިތުރުން އާންމުންގެ މީހަކު ޖަލު އޮފސަރުންގެ ވާޖިބަށް ހުރަސް އެޅުން ވެސް ހިމެނެ އެވެ.
ބާރުގެ ބޭނުން ކުރުމުގެ ގޮތުން ދިވެހި ރާއްޖޭގެ ޖަލުތަކާ ޕެރޯލުގެ ގާނޫނާ ޖަލު އަމުރުތަކާ ހިލާފު ނުވާނެ ގޮތެއްގެ މަތީން ބިޑިއާ މުގުރާއި ޕެޕާ ސުޕުރޭއާ ކަރުނަ ގޭހާއި ސުޓަންޑު ގުރަނޭޑާއި ރަޔަޓު ގިޔަރާއި ޓޭޒާ ގަން ޖަލު އޮފިސަރުންނަށް ބޭނުން ކުރެވޭނެ ކަމަށް މި ގަވާއިދުގައި ބުނެފައިވެ އެވެ. މީގެ އިތުރުން ސުޓަން ގަންއާ ރަބަރު ބުލެޓު ގަންއާ ބާރު ސުޕީޑުގައި ނުވަތަ ޕުރެޝަރުގައި ފެން ޖެހުމުގެ ބާރު ވެސް ޖަލު އޮފިސަރުންނަށް މި ގަވާއިދުގެ ދަށުން ލިބިދެ އެވެ.
ގަވާއިދުގައި ބުނެފައި ވަނީ ގަވާއިދުގައި ބަޔާންކޮށްފައި ނުވާ އެހެން އެއްވެސް ހަތިޔާރެއް ޖަލު އޮފިސަރުންނަށް ބޭނުން ނުކުރެވޭނެ ކަމަށެވެ.