މިމަހުގެ އެއްވަނަ ދުވަހު ސަރުކާރާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާގައި ބައިވެރިވެވަޑައިގަތް ތުޅާދޫ ކައުންސިލްގެ މެމްބަރު ޒިޔާއު ރަޝީދު އިބްރާހީމް ދެ މަސް ދުވަހަށް ސަސްޕެންޑްކޮށް މުސާރަ އުނިކުރަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެންގި އެންގުމާ އެއްގޮތަށް އަމަލުކުރެވެން ނެތް ކަމަށް އެ ރަށު ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ފާސްކޮށްފި އެވެ.
އެރަށު ކައުންސިލްގެ 50 ވަނަ ބައްދަލުވުމުގައި ނިންމާފައިވަނީ އެލްޖީއޭގެ ރައީސް އުމަރު ނަސީރުގެ އެންގެވުމުގައި ސުވާލު އުފެދޭ އެތައް ކަމެއް ހިމެނުމުގެ އިތުރުން އެ އެންގުމަށް އަމަލުކޮށްފި ނަމަ ނަތީޖާއަކަށް ވާނީ ”ޣައިރު ގާނޫނީ އަމުރަކަށް ތަބާވުން“ ކަމަށް ވެދާނެތީ، އެކަން ކުރެވެން ނެތް ކަމަށެވެ.
އެމްޑީޕީގެ ސާފު އަޣުލަބިއްޔަތު އޮންނަ ކައުންސިލުން ފާސްކުރި ގަރާރުގައި ބުނެފައި ވަނީ ”ޣައިރު ގާނޫނީ އެއްވުމުގައި ބައިވެރިވުމުގެ ތުހުމަތުގައި ހައްޔަރުކުރުން“ އެއީ އެލްޖީއޭ އިން އެކުލަވާލި ސުލޫކީ މިންގަނޑުގެ އެއްވެސް މާއްދާއެއްގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ. އަދި ޒިޔާއުއާ މެދު ފިޔަވަޅު އަޅަން އެންގި އިރު އޭނާ ހިލާފުވީ ކޮން މާއްދާއަކާ ކަމެއް ވެސް ނޭނގޭ ކަމަށް ކައުންސިލުން ފާސްކުރި ގަރާރުގައިވެ އެވެ.
ގާނޫނު އަސާސީއާ ހަވާލާދީ އެ ގަރާރުގައި ބުނެފައި ވަނީ ކުރާ މަސައްކަތަކަށް އުޖޫރަ ލިބުމާއި ކުރާ މަސައްކަތް އެއް މިންގަނޑަކުން ވަޒަންކުރެވި އެއް ނިސްބަތަކުން ހަމަހަމަކާއެކު އުޖޫޫރަ ލިބެން ޖެހޭ ކަމަށެވެ. އެހެންކަމުން ޒިޔާއުއާ ދޭތެރޭ ވެސް ކައުންސިލަރުން އަމަލުކުރާނީ އެ އުސޫލުން ކަމަށް ގަރާރުގައިވެ އެވެ.
ހޯމް މިނިސްޓަރު އަދި އެލްޖީއޭގެ ރައީސް އުމަރު ނަސީރު ސޮއިކުރައްވައި ތުޅާދޫ ކައުންސިލަށް ފޮނުއްވި ސިޓީއެއްގައި އެދިވަޑައިގެންފައި ވަނީ ”ޣައިރު ގާނޫނީ އެއްވުމެއްގައި ބައިވެރިވުމާ ގުޅިގެން ހައްޔަރުކުރި“ ޒިޔާއު ސަސްޕެންޑްކޮށް، ދެ މަސް ދުވަސް ވަންދެން މުސާރަ އާއި އިނާޔަތްތައް ނުދިނުމަށެވެ.
ތުޅާދޫ ކައުންސިލަރުގެ އިތުރުން މެއި އެކެއްގެ މުޒާހަރާއާ ގުޅިގެން 14 ކައުންސިލަރަކު ސަސްޕެންޑްކޮށް މުސާރަ އާއި އިނާޔަތްތައް އުނިކުރަން އެލްޖީއޭ އިން ވަނީ ނިންމައިފަ އެވެ.