ޖަރުމަނުގެ މަޝްހޫރު ހޮސްޕިޓެލިޓީ ކުންފުނި ރޮބިންސަން ކްލަބުން އަންނަ އަހަރު ރާއްޖޭގައި އިތުރު ރިސޯޓެއް ހުޅުވަން ނިންމައިފި އެވެ.
ރޮބިންސަންގެ ރަސްމީ ފޭސްބުކް ޕޭޖްގައި ބުނެފައިވާ ގޮތުން ރިސޯޓުގެ ގޮތުގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ ނ.އަތޮޅުގައި އޮންނަ އޮރިވަރު ނަމަކަށް ކިޔާ ރަށެވެ. އަދި އެ ރިސޯޓު ގަނެފައިވާ ކަމަށް ބުނެފައިވެ އެވެ.
ރޮބިންސަން އިން ބުނެފައިވަނީ “ ދަ ރޮބިންސަން ކްލަބް ނޫނު“ ގެ ނަމުގައި ހުޅުވާ އެ ރިސޯޓު އަންނަ އަހަރުގެ މެދުތެރޭ ހުޅުވޭވަރުވާނެ ކަމަށެވެ. އެ ރިސޯޓަކީ މަތީ ފަންތީގެ ޓޫރިސްޓުންނަށް އަމާޒުކޮށްގެން ހަދާ ރިސޯޓެކެވެ.
އެ ރަށުގައި 60 މޫދު ކޮޓަރި އާއި 50 ބީޗު ވިލާ އަދި ދެ ފަންގިފިލާ ހިމެނޭ 40 ކޮޓަރި ހަދަން ނިންމާފައިވާ ކަމަށް ރޮބިންސަން އިން މައުލޫމާތުދެއެވެ.
0.13 އަކަކިލޯމީޓަރު ހުންނަ އޮރިވަރު ވިއްކާލަން ބޭނުންވެގެން، ރިސޯޓު ހަދަން އެ ރަށް ނަގާފައި އޮތް ދިވެހި ކުންފުނިން މިދިޔަ ސެޕްޓެމްބަރު މަހު ބޭރުގެ ބައެއް ނޫސްތަކުގައި އިޝްތިހާރުކުރިއިރު، އިޝްތިހާރު ކުރި އަގެއްގެ ގޮތުގައި ޖަހާފައި ވަނީ 14.4 މިލިއަން ޑޮލަރެވެ.
ރޮބިންސަންއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 23 ރިސޯޓު ދަނީ ހިންގަމުންނެވެ. ރާއްޖޭގައި އެ ކުންފުނިން ހިންގަނީ ގއ. ފުނަމައްޑުއާގައި ”ދަ ރޮބިންސަން ކްލަބް މޯލްޑިވްސް“ ގެ ނަމުގައި ފަސް ތަރީގެ ރިސޯޓެކެވެ.