ފޮޓޮ: ރައީސް އޮފީސް
ފޮޓޮ: ރައީސް އޮފީސް

ސިޔާސީ ނުވެ ސިފައިން ތިބެންޖެހޭނީ ގާނޫނީ ސަރުކާރު ދިފާއުކުރަން: ރައީސް

ސިޔާސީ ކަންކަމުގެ ތެރެއަށް ނުވަދެ ސިފައިން ތިބެން ޖެހޭނީ ގާނޫނީ ސަރުކާރު ދިފާއުކުރަން ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ސިފައިންގެ ހިދުމަތާ އަލަށް ގުޅުނު ސިފައިން ހުވާކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވި ގޮތުގައި ސިފައިންގެ ހިދުމަތަކީ ދައުލަތުގެ އެންމެ ހާއްސަ އަދި ޝަރަފުވެރި މަގާމުކަމުން، ސިފައިންގެ ޒިންމާތަކުގެ މަތިން އަބަދުވެސް ހަނދާން ކުރަން ޖެހޭނެ އެވެ. އެ ޒިންމާއަކީ ގާނޫނީ ސަރުކާރު ދިފާއުކޮށް، އިސްލާމް ދީނާއި ގާނޫނުއަސާސީ އާއި މުޅި ދައުލަތް ހިމާޔަތްކުރަން ހުވާކޮށްގެން ތިބި ބައެއްކަން ހަނދާން ކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސިފައިން ވާންޖެހޭ އޯޑަރުތަކަށް ތަބާވާ ބަޔަކަށް ކަމަށެވެ. އަދި އިތުރު ފުރުސަތަކަށް ސުވާލު އުފެއްދުމަށް ޖާގަދޭ ބަޔަކަށް ސިފައިން ވެގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.

”ދިވެހި ދައުލަތް މިއަދު ދިފާއުކުރަން ‏‏ޖެހިފައި މިވަނީ ހަމައެކަނި ބޭރުގެ ދުޝްމަނުންނާއި އަދާވާތްތެރިންގެ ފަރާތުންނެތް ނޫން. ‏‏އަޅުގަނޑުމެންގެ ތެރޭގައި މި އޮތް ސިޔާސީ ‏‏ހަލަބޮލިކަމުގެ ތެރެއިން ވެސް ދިވެހި ގައުމު މިއަދު ‏‏ދިފާއުކުރަން ޖެހިފައި މިވަނީ،“ ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ބޭރުގެ އެއްވެސް ނުފޫޒެއްގެ ސަބަބުން ސިފައިންގެ ހިތްތަކާއި ނަފްސުތަކަށް ލޮޅުމެއް އައިސް، ސިފައިންގެ ލަޝްކަރުގެ ބަދަހިކަމަށް ހީނަރުކަމެއް އަތުވެދާނެ ފަދަ ކަމަކަށް ޖާގަ ދީގެން ނުވާނެ އެވެ. އަދި ގައުމީ ހިދުމަތަށް އިސްކަންދިނުން މަތީ ދެމިތިބުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވި އެވެ.

ސިފައިންގެ ހިދުމަތުގެ މުހިއްމުކަން އާއްމު ހާލަތުގައި ނުވިސްނުނަސް، ރާއްޖެ އަށް ބޮޑު ކަމެއް ދިމާވާ ކޮންމެ ފަހަރަކު އެކަން ސާބިތުވެފައިވާ ކަމަަށް ވެސް ރައީސް ވިދާޅުވި އެވެ. އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މުޅި ދައުލަތުގެ އަބުރާއި އިއްޒަތާއި ޝަރަފާއި ކަރާމާތް ދެމިއޮންނާނީ ސިފައިން ކުރާ ހިތްވަރެއްގެ މައްޗައްކަން ކޮންމެ ރައްޔިތަކު ވެސް ގަބޫލުކުރާނެ އެވެ.

ބަންޑާރަކޮށީގައި އޮތް ރަސްމިޔާތުގައި އެ ދަރިވަރުންނަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ. މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލާއި އެ މިނިސްޓްރީގެ އިސް ބޭފުޅުންނާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަ ޖެނެރަލް އަހުމަދު ޝާހިދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މިއަދު ހުވާކުރި ސިފައިންނަކީ ސިފައިންގެ 61 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމި ދަރިވަރުންނެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *