ހޫނު ގަދަވުމުގެ ސަބަބުނ ފާއިތުވި ހަފްތާއެއްގެ ތެރޭގައި މަރުވި މީހުންގެ އަދަދު 1100 އަށް އަރާފައިވާކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން ހޫނުގެ އަސަރު އެންމެ ބޮޑަށް ކުރަމުން އަންނަ އަންދުރަޕްރަދޭޝްއިން 852 މީހަކު މަރުވެފައިވާކަމަށް ރިޕޯޓްކޮށްފައިވާއިރު ތެލަންގާނާއިން 266 މީހަކު މަރުވެފައިވާކަމަށް ރިޕޯޓްކޮށްފައި ވެ އެވެ.
އެގައުމުގެ މޫސުމާބެހޭ މައި އިދާރާއިން ބުނެފައިވަނީ ތާރީހުގައިވެސް އިންޑިއާގެ ހޫނުމިން 47 ޑިގްރީސެލްސިއަސް އަށް ދިޔަ މީ ފުރަތަމަ ފަހަރު ކަމަށެވެ. އަދި ކުރިއަށް އޮތް ދެދުވަހުވެސް އެހާ ހޫނުވާނެ ކަމުގައި ބެލެވޭކަމަށްވެސް މޫސުމާބެހޭ އިދާރާއިން ބުނެ އެވެ.
އެ އިދާރާއިން އިތުރަށް ބުނެފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ރާޖަސްތާނާއި ހަރްޔާނާގެ އިތުރުން އިންޑިއާގެ ވެރިރަށް އާ ދިއްލީ އަށްވެސް ގަދަ ހޫނުގެ އަސަރު ކުރިމަތިވާނެ ކަމުގައި ބެލެވޭ ކަމަށެވެ.
ހޫނުގެ ސަބަބުން ގިނައިން މަރުވަނީ ފަގީރުން
ރެކޯޑްތަކަށް ބަލާއިރު ހޫނުގެ ސަބަބުން ގިނައިން މަރުވަނީ މަގުމަތީގައި ސަލާންޖަހާ މީހުންނާއި، ގެދޮރު ނެތް މީހުންނާއި، ކޮންސްޓްރަކްޝަން މަސައްކަތުގައި އުޅޭ މީހުންކަމަށް ވެ އެވެ.
އިންޑިއާގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުންނަށް ކަރަންޓް ލިބި ފަންކާއާއި އޭސީ ބޭނުންކޮށްގެން ގޭބިސީތައް ފިނިކޮށްގެން ގޭގައި ތިބި ނަމަވެސް ގިނަ ބަޔަކު ފިހާރަތަކަށާއި އޭސީ ކޮށްފައި ހުންނަ ތަންތަނަށާއި އަދި ގަހެއް ހުރިއްޔާ އެ ގަހެއްގެ ހިޔާ ދޮށަށްވެސް އެއްވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ވާރޭ ވެހޭނެ ދުވަހެއްގެ އިންތިޒާރުގައި
އެތައް ބަޔަކު ގަދަ ހޫނުގައި މަރުވެ އަދި އެތައް ބަޔަކު ގަދަ ހޫނު ތަހަންމަލް ކުރަމުން އަންނައިރު އަންދްރަޕްރަދޭޝްއާއި ތެލަންގާނާގެ އެންމެންވެސް ތިބީ ވިއްސާރަވާނެ ދުވަހެއްގެ އިންތިޒާރުގަ އެވެ. އިންޑިއާގެ މޫސުމާބެހޭ އިދާރާއިން ބުނާގޮތުން މޫސުމީ ވިއްސާރަ ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި ކުރި ނަމަވެސް ހޫނު އެންމެ ގަދަ ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް ބެލެވެނީ ދެ ހަފްތާވަރު ފަހުންނެވެ.
މިކަމުން ރައްޔިތުން ސަލާމަތް ކުރުމަށް އިންޑިއާ ސަރުކާރުން ކުރަމުން އަންނަނީ ކޮންކަމެއް
ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ހޫނުގަދަ ސަރަހައްދުތަކުގައި ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ބޯފެން ލިބޭނެ އިންތިޒާމް އަންނަނީ ހަމަޖައްސަމުންނެވެ. ނަމަވެސް އިންޑިއާގެ ބައެއް މީޑިއާތަކުނ ބުނާގޮތުން ސަރުކާރުން ކުރަނީ ހަމައެކަނި އިލްތިމާސް އެކެވެ. އެއީ ގެއިން ބޭރަށް ނުނިކުތުމަށާއި ގޭގައި ތިބެގެން ގިނައިން ފެން ބުއިމަށެވެ.