ސިޔާސީ ޕާޓީތަކާއި ސަރުކާރާއެކު ބާއްވާ މަޝްވަރާތަކުގައި އަދާލަތު ޕާޓީގެ ރައީސް ސައިހް އިމްރާން އަބްދުﷲ ބައިވެރިކުރުމުގެ ފުރުސަތު ދެވެން ނެތްކަމަށް ސަރުކާރުން ބުނެފި އެވެ.
ބައެއް މީޑީއާތަކަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެފައިވަނީ އިމްރާނަށް ފުރުސަތު ދެވެން ނެތީ ފުލުހުންގެ ބަންދުގައި އިމްރާނު ހުރުމުން ކަމަށާއި ފުރުސަތު ދެވޭނީ ހުށަހެޅި ނަންތަކުގެ ގާނޫނީ، ޝަރުއީ އަދި އިދާރީ އެއްވެސް ހުރަހެއް ނެތް ބޭފުޅުންނަށް ކަމަށް ކުރިން ވެސް ސަރުކާރުން ބުނެފައިވާނެ ކަމަށެވެ.
މަޝްވަރާތަކުގައި އިމްރާނު ބައިވެރިކުރެވެން ނެތްކަމަށް ސަރުކާރުން ބުނެފައިވާއިރު އެމްޑީޕީގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިކުރުމަށް، 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރަމުން އަންނަ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަން ހުށަހެޅުމުން ސަރުކާރުން ވަނީ އެކަމަށްވެސް އިންކާރު ކޮށްފަ އެވެ.