ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ފުރުސަތު އީރާނަށް ދީފިނަމަ އީރާނުގެ ނުރައްކާ އައިއެސް ޖަމާއަތަށްވުރެ އެއްހާސް ގުނަ ބޮޑުވާނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.
”އެންމެ ނުރައްކާތެރި ސްޓޭޓަކީ އިސްލާމިކް ސްޓޭޓެއް ނޫން، އަހަރެމެންގެ ތާރީހުގައި އެންމެ ނުރައްކާތެރި ސްޓޭޓަކީ އީރާނު، އެމީހުން އެ ނިއުކްލިޔާ ހަތިޔާރުތައް ފައްކާކޮށްފިނަމަ އެމީހުންގެ އުނދަގޫ އައިއެސް އަށްވުރެ އެއްހާސް ގުނަ ބޮޑުވާނެ“ ނަތަންޔާހޫ ބުންޏެވެ.
ނަތަންޔާހޫ މިހެން ބުނެފައި އެވަނީ އީރާނުގެ ސިޔާސީ އަދި ޓެކްނިކަލް މާހިރުންގެ ޓީމެއް އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ބެހޭގޮތުން ދުނިޔޭގެ ވަރުގަދަ ބާރުތަކާ މަޝްވަރާ ކުރުމަށް ޖޫންގެ ފަހުކޮޅަށް ތައްޔާރުވަމުން އަންނާތީ އެކަމަށް އިޝާރާތް ކޮށެވެ.
ނަތަންޔާހޫ ތުހުމަތުކުރާގޮތުގައި އީރާނުން އުޅެނީ ދުނިޔޭގެ ގަދަ ބާރުތަކާއެކު ގޮތް ނޭންގޭ ޑީލެއް ހެދުމަށެވެ. އަދި ބާރުގަދަ ގައުމުތައް ރުއްސުމަށްފަހު ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގައިގެ ކުރިއަށްދިއުމަށެވެ.
އޭނާ އިތުރަށް ބުނެފައިވަނީ ސީރިޔާއާއި އިރާގުގައި އައިއެސްއިން އަތްގަދަ ކުރަމުން އަންނައިރު އައިއެސްއާ ދެކޮޅަށް ހަނގުރާމަކުރަން ޖެހޭ ކަމަށާއި ހަމަ އެފަދައިން އެންމެން އެއްބައިވެ އީރާނުވެސް ހުއްޓުވަން ޖެހޭ ކަމަށެވެ.