123 ވަނަ ސިފައިންގެ ދުވަހުގެ މުނާޞަބަތުގައި 2015 މެއި 30 ވާ ހޮނިހިރު ދުވަހު އައްޑޫ ސިޓީގައި ބާއްވަން ހަމަޖެހިފައިވާ ދުވުން ފަސްކޮށްފި އެވެ.
ސިފައިން ބުނީ ދުވުން ފަސްކުރީ އެ ދުވަހު ހަވީރު މިނިވަން 50 އާ ގުޅޭ ޙަރަކާތްތަކެއް އައްޑޫސިޓީގެ މަގުތަކުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހުމާއި ގުޅިގެން ކަމަށެވެ. އަދި މިހާރު ހަމަޖެހިފައިވާ ގޮތުން މި ދުވުން އޮންނާނީ 2015 ޖޫން 6 ވާ ހޮނިހިރު ދުވަހު 16:00 އިން 18:00 އަށް ކަމަށާއި ދުވުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ކުރިއެކޭވެސް އެއްގޮތަށް މަރަދޫ ފުޓްބޯޅަ ދަނޑުން ފެށިގެން ލިންކްރޯޑުން، ފޭދޫ ފުޓްބޯޅަ ދަނޑަށް ނިންމާގޮތަށް ކަމަށެވެ.
މިދުވުމުގައި އާންމު ރައްޔިތުންނަށް ބައިވެރިވުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައިވާކަމަށާއި ދުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މަރަދޫ ފުޓްބޯޅަ ދަނޑަށް ވަޑައިގެންނެވުމުން ބައިވެރިވެވޭނޭ އިންތިޒާމް ހަމަޖެހިފައިވާނެ ކަމަށްވެސް ސިފައިން ބުނެ އެވެ.
ސިފައިން އިތުރަށް ބުނީ ސިފައިންގެ 123 ވަނަ އަހަރީ ދުވަހުގެ މުނާޞަބަތުގައި އައްޑޫ ސިޓީގައި ބާއްވާ މި ދުވުމުގެ ކަންތައްތައް އިންތިޒާމްކޮށް ހަމަޖައްސަމުން ގެންދާނީ އެމްއެންޑީއެފް ސަދަން އޭރިއާގެ ބެލުމުގެ ދަށުން ކަމަށާއި ދުވުމާބެހޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9904242 ނަމްބަރު ފޯނަށް ގުޅުއްވުން އެދޭ ކަމަށެވެ.