ސަރުކާރުގެ ފަރާތުން ލ.ގަމުގައި އެގްރިކަލްޗާ ސެންޓަރެއް ގާއިމް ކުރުމަށްފަހު އެ ސެންޓަރު ހިންގުން އަމިއްލަ ފަރާތަކާ ހަވާލުކޮށްފައިވާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ އިން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ ސަރުކާރާއި ގުޅިގެން އެ ސެންޓަރު ހިންގާނެ ފަރާތެއް ހޯދުމަށް އާންމުކޮށް ހުޅުވާލި ހުޅުވާލުމުން އިޖާބަދިން ފަރާތްތަކުގެ ތެރެއިން ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތެއްގައި މިކަން ފޯރުކޮށްދިނުމަށް ހުށަހަޅާފައިވާ ފަރާތްކަމުގައިވާ ގ.ގަލޮޅުފެހި އަބްދުﷲ މުހައްމަދާއި އެ ސެންޓަރު ހިންގުން ހަވާލުކޮށްފައިވާކަމަށެވެ.
”ލ.އަތޮޅުގައި ގަމުގެ ކުރުހިންނަ ސަރަހައްދުން ނަގާފައިވާ މި ބިމަކީ އެގްރިކަލްޗާ ސެންޓަރެއް ގާއިމް ކުރުމަށް 2009 ވަނައަހަރުން ފެށިގެން ނަގާފައިވާ ބިމެއް، ނަމަވެސް މިހާތަނަށް އެތަން އެދެވޭ ގޮތެއްގައި ތަރައްގީ ކުރެވި، ތަނުގެ ހިދުމަތްތައް ލ.އަތޮޅުގެ ރައްޔިތުންނަށް ލިބެމުން ނުދޭ، ލ.އަތޮޅުގައި މީގެ ކުރިންވެސް ވަނީ ވަރަށް ކާމިޔާބު ކަމާއެކު މިފަދަ ސެންޓަރެއް ހިންގާ އެކުމުގެ ގިނަގުނަ ފައިދާތައް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދީފަ، އެއީ ލ.މެންދޫގައި ހިންގި އެގްރިކަލްޗާ ސެންޓަރ، ނަމަވެސް 2009 ވަނަ އަހަރުން ފެށިގެން މި ސެންޓަރުގެ މަސައްކަތް މުޅީންހެން ހުއްޓާލާ އެތަނުގައި ބޭނުންކުރަމުން އައި ތަކެތިވެސްވަނީ ވީރާނާވެ ގޮސް ސަރުކާރަށް އެތައް ގެއްލުންތަކެއް ލިބިފައި، އެހެންތާކަށް ސެންޓަރު ބަދަލުކުރުމުގެ ނަމުގައި ސެންޓަރު ހިންގަމުން އައި ރަށް ވަނީ ބަޔަކަށް ދިގުމުއްދަތަކަށް ދީފައި“ މިނިސްޓްރީން ނެރުނު ހަބަރު ބުލެޓިންއެއްގައި ބުނެފައި ވެ އެވެ.
މިނިސްޓްރީން ބުނީ ލ.ގަމު ކުރުހިންނަ ސަރަހައްދުގެ 69 ހެކްޓަރުގެ މި ބިމުގައި މިޒަމާނާ ގުޅޭގޮތށް ދަނޑުބިން އެޅުމާއި ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެނ ގަސް ހެއްދުމުގެ އިތުރުން ޓްރެއިންނިން ދޭނެ ކްލާސްރޫމާއި ނަމޫނާ ދަނޑުތައް އަދި ރިސާޗް މަސައްކަތްތައް ހިންގޭނެ ކަމަށެވެ. އަދި ކޮންޓްރެކްޓް ފާމިންގެ އުސޫލުން ދަނޑުބިން ގަމުގެ ދަނޑުވެރީންނަށް ދަނޑުވެރިކަން ކުރުމަށް ދޫކުރެވޭނެ ކަމަށާއި ދަނޑުވެރީންނަށް ފަސޭހައިން ލިބޭގޮތަށް ދަނޑުވެރިކަމުގައި ބޭނުންކުރެވޭނެ އާލާތްތަކާއި ގަސްކާނާއާއި ބޭސް ލިބޭނެ އިންތިޒާމްވެސް ހަމަ ޖެހޭނެ ކަމަށާއި އަދި ގަމާއި އެ ސަރަހައްދުގެ ދަނޑުވެރީން އުފައްދާ ތަރުކާރީއާއި މޭވާ ފަސޭހައިން މާކެޓްކޮށްދިނުމުގެ އިންތިޒާމްވެސް ހަމަޖެހިގެން ދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
މިނިސްޓްރީން އިތުރަށް ބުނީ މި ސެންޓަރު ގާއިމް ކުރެވުމުން ދަނޑުވެރީންނަށް ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ވަޒީފާގެ އިތުރު ފުރުސަތުތަކެއް އެ ސަރަހައްދުގައި އިތުރުވެގެން ދާނެ ކަމަށެވެ. އަދި މި ސެންޓަރުގެ އަމަލީ މަސައްކަތް ލަސްވެގެން ޖޫން މަހުގެ ފުރަތަމަ ހަގްތާގައި ފަށައިގަނެވޭނެ ކަމަށާއި އަދި ރޭވިފައިވާގޮތަށް ކަންތައް ނިންމައި 2016 ވަނަ އަހަރު ޓްރެއިނިން ޕްރޮގްރާމްތަކާއި ރިސާޗް މަސައްކަތްތައް އެ ސެންޓަރުގައި ފެށޭނެ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.