ސައުތުސެންޓްރަލް ޕޮލިސް ޑިވިޜަންގެ ލ.ގަން ޕޮލިސް ސްޓޭޝަނާއި އެމް.އެން.ޑީ.އެފް ސެންޓްރަލް އޭރިޔާ ގުޅިގެން ލ.ގަމުގައި ޤާއިމްކޮށްފައިވާ ޕްރީސްކޫލްތަކާއި ސަރުކާރު މުޢައްސަސާތަކުގެ އެހީތެރި ކަމާއެކު 2015 ވަނަ އަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.
މި ކުޑަކުދިންގެ ހަވީރަކީ ލ.ގަމުގައި ޤާއިމް ކޮށްފައިވާ ހުރިހާ ޕްރީ ސްކޫލްތަކުގެ ކުދިންގެ ހިތްތަކުގައި ޤައުމީ ލޯތްބާއި ރަށުވަންތަކަން އާލާކޮށް ހުރިހާ ކުދިން އެއްތަނަކަށް ގެނެސް އެއް މާހައުލެއްގައި އެކުވެރިކަން ބަދަހިކުރުމަށް ފުރުޞަތު ތަނަވަސް ކޮށްދީ، ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ކުރިޔަށް ގެންދިޔަ ހަވީރެކެވެ. މި ކުޑަކުދިންގެ ހަވީރު ހުޅުއްވައި ދެއްވީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ސެންޓްރަލް އޭރިޔާ ކޮމާންޑަރ ކާނަލް ޙާމިދު ޝަފީޤްއެވެ.
އިއްޔެ ހަވީރު 16:00 ން 18:00 ށް ލ.ގަން ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައި ކުރިޔަށް ގެންދިޔަ ކުޑަކުދިންގެ ހަވީރުގައި ކުޑަކުދިން ޝައުގުވެރިވާފަދަ ކުޅިވަރުތަކެއް ހިމަނައިގެން ޖުމްލަ 09 ސްޓޯލެއް ޤާއިމްކޮށްފައިވެއެވެ. މީގެ އިތުރުން ކުޑަކުދިންގެ ހަވީރު ކުރިޔަށް ދިޔަ ވަގުތު ލ.ގަން، މަތިމަރަދޫ، ކޭ.ބޯލާ ބޮޑު ބެރު ގްރޫޕްގެ ހުށަހެޅުން ތަކުގެ އިތުރުން ޕްރީސްކޫލްތަކުގެ ސްޓޭޖް އައިޓަމްތައް ކުރިޔަށް ގެންގޮސްފައިވެއެވެ. އަދި ކުޑަ ކުދިންގެ ދުވަސް ފާހަގަ ކުރުމަށް ކުޑަކުދިން ބައިވެރި ކޮށްގެން ކޭކެއް ވަނީ ފަޅާފައެވެ.
މި ހަވީރުގައި ފުލުހުންގެ ޔުނިފޯމާއި ސިފައިންގެ ޔުނީފޯމްގެ އިތުރުން ނަރުހުންގެ ޔުނީފޯމް އަޅައިގެން ފޮޓޯ ނެގުމުގެ ފުރުޞަތު ކުޑަ ކުދިންނަށް ވަނީ ތަނަވަސް ކޮށްދީފައެވެ. މީގެ އިތުރުން ސިފައިން ބޭނުން ކުރާ ބައެއް ހަތިޔާރުތައް ދައްކާލުމާއި ކުލަޖެއްސުމުގެ ސްޓޯލްތަކުގެ އިތުރުން ގިނަ ކުޅިވަރުތަކެއް ހިމަނައިގެން ސްޓޯލްތައް ވަނީ ޤާއިމްކޮށްފައެވެ.
މި ހަވީރުގައި ހާއްސަ ބެނާއެއް ބޭނުންކޮށްފައިވާއިރުމި ބެނާއަކީ ”ކުޑަ ކުދިންނަށް ކުރާ އަނިޔާ ހުއްޓާލާ!“ މި ޝިއާރުގެ ދަށުން ލ.ޤަމުގައި ޤާއިމް ކޮށްފައިވާ ޕްރީ ސްކޫތަކުގެ ހުރިހާ ދަރިވަރުންގެ ޕާމް ޕްރިންޓް ޖަހާފައިވާ ބެނާއެކެވެ. މި ބެނާގައި ޖުމްލަ 364 ދަރިވަރުންގެ ޕާމް ޕްރިންޓް ޖަހާފައިވެއެވެ.
ގަމުގައި ކުރިޔަށް ގެންދިޔަ މި ކުޑަ ކުދިންގެ ހަވީރުގައި މާލޭ ހައި ޕްރީ ސްކޫލާއި ލާމް ޕްރީ ސްކޫލާއި މާހިންނަ ޕްރީ ސްކޫލާއި މަތިމަރަދޫ ޕްރީ ސްކޫލުގެ އިތުރުން މުކުރިމަގު ޕްރީ ސްކޫލުން ބައިވެރިވެފައިވެއެވެ. މީގެ އިތުރުން ލ.ގަން ރީޖަނަލް ހޮސްޕިޓަލާއި ގަމުގައި ޤާއިމް ކޮށްފައިވާ ދިރާގް ޕޯސްޓުން މި ހަވީރުގައި ބައިވެރިވެ ސްޓޯލްތައް ޤާއިމް ކޮށްފައިވެއެވެ.
އިއްޔެ ލ.ގަމުގައި ބޭއްވި ކުޑަކުދިންގެ ހަވީރަށް ލ.ގަމުގެ ވިޔަފާރިވެރިންގެ ފަރާތުންނާއި ގެސްޓް ހައުސްތަކުގެ ވެރިންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާކަމަށް ލ.ގަން ޕޮލިސް ސްޓޭޝަނުން މަޢުލޫމާތުދެއެވެ.
ލ.އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި ސިފައިން ގުޅިގެން ލ.ގަން ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައި ކުރިޔަށް ގެންދިޔަ ކުޑަކުދިންގެ ހަވީރަކީ ގަމުގައި ޤާއިމްކޮށްފައިވާ އެންމެހާ މުޢައްސަސާ ތަކުގެ ގުޅުން ދައްކުވައިދީ ރައްޔިންގެ އެއްބައިވަންތަކަން ދައްކުވައިދިން ހަވީރެކެވެ. އަދި މި ހަވީރަށް ގިނަ އަދަދެއްގެ ކުޑަކުދިންނާއި ބޮޑެތި މީހުން ވަނީ ޒިޔާރަތް ކޮށްފައެވެ.