މާލޭގައި މިހާރު ކުރިޔަށްދާ މަގުމަތީ ބާޒާރުގައި ވިއްކަމުންދިޔަ ސޮލީބުތަކެއް ފުލުހުންގެ ބެލުމުގެދަށަށް ގެނެސް އެތަކެތި ވިއްކަމުން ދިޔަކަމުގެ ތުހުމަތުގައި 32 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ ނައިޓް މާކެޓުގައި ހުރި މޭޒަކުން ކަރުގައި އަޅާ ފަށުފުލުގައި ބޭނުންކުރެވޭގޮތަށް ހުރި ސޮލީބުތަކެއް ފަށާއެކު ވިއްކަމުންދާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން ނައިޓްމާކެޓްގެ ސަލާމަތީ ކަންކަން ބަލަހައްޓަމުންދިޔަ ފުލުހުން ނައިޓްމާކެޓްގައި ހުރި ވަކިވަކި މޭޒުތައް ބަލައި އެތަކެތި ވިއްކަމުންދިޔަ މޭޒު ދެނެގަނެ އެތަކެތި ފުލުހުންގެ ބެލުމުގެދަށަށް ގެނައިކަމަށާއި އަދި އެތަކެތި ވިއްކުމާ ޙަވާލުވެހުރިކަމަށް ތުހުމަތުކުރެވޭ މީހާވެސް ފުލުހުންގެ ބެލުމުގެދަށަށް ގެނައި ކަމަށެވެ.
މިމައްސަލައާއި ގުޅިގެން މަގުމަތީ ބާޒާރުގައި ވިއްކަން ގެނެސްފައި ހުރި 25 ސޮލީބު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށާއި އަދި މަގުމަތީ ބާޒާރުގެ އެހެން މޭޒުތަކުގައި އެފަދަ ތަކެތި ވިއްކަމުންދޭތޯ ފުލުހުން ބަލައި ފާސްކޮށްފައިވާކަމަށްވެސް ފުލުހުން ބުނެ އެވެ.
ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނ، 6/94 އަށް 2014 ވަނައަހަރު ގެނެވުނު އިޞްލާޙުގެ 4 ވަނަ މާއްދާގެ (ނ) ގެ 5 ވަނަ އަކުރުގައި ބަޔާންކޮަށްފައިވާ ފަދައިން އިސްލާމްދީން ނޫން އެހެން ދީންތަކުގެ މީހުން އަޅުކަން ކުރާނެ ތަންތަން ހެދުމާއި، އިސްލާމްދީން ނޫން އެހެން ދީންތަކުގެ ޝިޢާރުކަމަށް ބެލެވޭ ތަކެތި ވިއްކުމާ ގެންގުޅުމާ އިޝްތިހާރު ކުރުމަކީ ރާއްޖޭހައި މަނާކަމެވެ.