ލ. މުންޑޫ ނޫވިލު އަލީ ޒިޔަދަމް މަރާލި ކަމަށް ތުހުމަތުކުރެވޭ ދެ މީހުންގެ ޝަރީއަތް މިއަދަށް ތާވަލް ކުރުމަށް ފަހު ކެންސަލް ކޮށްފިއެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ އެމައްސަލަ ކެންސަލް ކުރީ ދައުވާ ލިބޭ ދެމީހުންގެ ތެރެއިން އެކަކަށް ވަކީލުން ހަމަ ނުޖެހޭތީ ކަމަށެވެ. ވަކީލަކު ހަމަނުޖެހެނީ އެ މައްސަލައިގަ ދައުލަތުން ދައިވާ އުފުލާފައިވާ އަލީ ސިފާމަށެވެ. މުހައްމަދު ޝަނޫނު ވަނީ ވަކީލަކު ހަމަޖައްސާފަ އެވެ.
ޒިޔަދަމްގެ މަރާގުޅިގެން ޝަނޫނާއި ސިފާމްގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އެވެ.
މި މައްސަލައިގަ މިހާތަނަށް ބާއްވާފައިވަނީ އެންމެ އަޑު އެހުމެކެވެ. އެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ދައުވާ އިއްވަމުން ބުނެފައިވަނީ މިދިޔަ މާޗް މަހުގެ 20 ވަނަ ދުވަހުގެ ރޭ 10:30 ހާއިރު މުންޑޫ ވަގުތީ ހިޔާގޭ ކައިރިން ޒިޔަދަމް ހިނގާފައިދަނިކޮށް، ޝަނޫނާއި ސިފާމް އޭނާގެ ފަލަމަސްގަނޑަށް އަށްއިންޗިހުންނަވަރުގެ ވަޅިއެއް ހަރާލާފައިވާ ކަމަށެވެ. އެހަމަލާއިން ސަލާމަތްވުމަށް ޒިޔަދަމް ދުވެފައި ދަނިކޮށް އެދެމީހުން އޭނާގެ ފަހަތުން ގޮސް އަނެއްކާވެސް ވަޅިން ހަމަލާދީ އޭނާ މަރާލާފައިވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
މަރުގެ ދައުވާގެ އިތުރުން އެ ދެ މީހުންގެ ތެރެއިން ޝަނޫންގެ މައްޗަށް ބިރުދެއްކުމުގެ ދައުވާ އާއި މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާވެސް ދައުލަތުން އުފުލާފައިވެ އެވެ.
އެދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ ދެ މީހުން ވެސް ދައުވާއަށް ޖަވާބުދާރީވެފައެއް ނުވެއެވެ.
އުމުރުން 29 އަހަރުގެ ޒިޔަދަމް މަރުވެފައި ވަނީ މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހުގެ ރޭ 10:30 އެހާކަންހާއިރު ވަޅިއަކުން އޭނާއަށް ދިން ހަމަލާގެ ސަބަބުންނެވެ.