މިހާރު އަބޫދާބީގައި ކުރިއަށްދާ އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ޕޮލިސް އެކަޑަމީ (އިންޓަޕާ)ގެ ހަތަރުވަނަ ކޮންފަރެންސްގައި ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދު ބައިވެރިވެވަޑައިގެންފި އެވެ.
ފުލުހުން ބުނީ އަބޫދާބީގައި މިއަދު ފެށުނު ކޮންފަރެންސްގައި ދިވެހި ފުލުހުންގެ ފަރާތުން ބައިވެރިވާ ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި މިކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވަނީ ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ކަމަށާއި މިކޮންފަރެންސް ގައި ބައިވެރިވެވަޑައިގަތުމަށް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު އާއި ދިވެހި ފުލުހުންގެ ވަފުދު އަބޫދާބީއަށް ވަޑައިގެންފައިވަނީ އިއްޔެ ކަމަށެވެ.
އިންޓަރޕާގެ ކޮންފަރެންސަކީ މެމްބަރު ޤައުމުތަކުގެ ޕޮލިސް އެކަޑަމީތަކުގައި ތަމްރީނުގެ މަސައްކަތްތަކާ ފުލުހުންގެ މަސައްކަތުގެ ދިރާސާތައް ކުރެވޭގޮތާ، އެދިރާސާތަކުގެ އަލީގައި ޤައުމުތަކުގެ ފުލުހުންގެ ޚިދުމަތް ތަރައްޤީކޮށް ކުރިއަރުވައި ގެންނަ ބަދަލުތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ކޮންފަރެންސެކެވެ.
މިގޮތުން މިކޮންފަރެންސްގައި ބައިވެރިވާ މެމްބަރު ޤައުމުތަކުން އެޤައުމުތަކުގައި ފުލުހުންގެ ޚިދުމަތް ދެވޭގޮތާ ބެހޭގޮތުން ކުރެވިފައިވާ ދިރާސާތަކާ، ޕޮލިސް އެކަޑަމީތަކުގައި ކުރެވޭ އެހެނިހެން ދިރާސާތަކުގެ އިތުރުން ޤައުމުތަކުގެ ކުށުގެ ޙާލަތު ދެނެގަތުމަށް ކުރެވޭ މަސައްކަތްތަކާ ކުށުގެވެށި ނައްތާލައި ކުށްވެރި ޢަމަލުތަކުން ރައްޔިތުން ދުރު ކުރުމަށް މެމްބަރު ޤައުމުތަކުން ކުރަމުންދާ މަސައްކަތްތައް ހުށަހަޅައި އެކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެވޭނެއެވެ.
ފުލުހުން އިތުރަށް ބުނީ މިއަދުން ފެށިގެން މިމަހުގެ 27 ގެ ނިޔަލަށް އަބޫދާބީގައި ކުރިޔަށްދާ މިކޮންފަރެންސްގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ޞާދިޤު އާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯއެންފޯސްމަންޓް ސްޓަޑީޒްގެ އެގްޒެކެޓިވް ޑައިރެކްޓަރ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.