ޒުވާނުން ކުޅިވަރުތައް ކުޅުމަށް ހާއްސަ ސަރަހައްދެއް ކަމަށް ސްޓޭޑިއަމް ސަރަހައްދު ކަނޑައަޅައި އެސަރައްދުގައި ވަރަށް ބޮޑު މަޝްރޫއެއް ހިންގަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރަން ޒުވާނުންތަކެއް އިންތިޒާމްކޮށްގެން ރޭ މާލޭގައި ބޭއްވި ހަފްލާއެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީމައްޗަންގޯޅިއާއި މާފަންނު ސަރަހައްދު ނުވަތަ މިހާރުގެ ސްޓޭޑިއަމް ސަރަހައްދަކީ މިސަރުކާރުން ކުޅިވަރު ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމަށް ނިންމައި މަސައްކަތް ފަށާފައިވާ ސަރަހައްދެއް ކަމަށެވެ.
އަދި މުޅި އެ ސަރަހައްދަކީ ޒުވާނުންގެ ކުޅިވަރު ސިޓީކަމަށް ބަދަލުކުރަން ބޭނުންވާކަމަށާއި އެ ސަރަހައްދު ވެގެންދާނީ ވަރަށް ގިނަ ޓާފު ދަނޑުތަކާއި ޒުވާނުން މިހާރު ކުޅޭ ހުރިހާ ކުޅިވަރު ކޯޓުތަކާއި މިފަދަ ކަންތައްތައް ހިމެނޭ ވަރަށް ބޮޑު ސަރަހައްދަކަށް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
“ އެ ސަރަހައްދު ތަރައްގީ ކުރުމަށް ކުރަހަންޖެހޭ ކުރެހުންތައް ނިމި ފަންޑު ހޯދުމުގެ މަސައްކަތް ކުރުމުގެ މަރުހަލާއަށް ކަންކަން ގޮސްފަ، ކުރިއަށްއޮތްތާނގައި މާލެ ސަރަހައްދުތައި ދެލައްކަ ފަންސާސް ހާސް މީހުން އުޅޭނެ ކަމަށް ބެލެވޭއިރު އެ އެންމެގެ ވެސް ކުޅިވަރު ސިޓީއަށް ވެގެންދާނީ މި ސަރަހައްދު“ ރައީސް ޔާމީން ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޒުވާނުންނަކީ ކުށް ކުރެވުނު ނަމަވެސް އަލުން މުޖުތަމައުއަށް އައިސް ގައުމަށް ހިދުމަތްކޮށްދޭނެ ބައެއް ކަމަށާއި މި ސަރުކާރުން ޒުވާނުންގެ ތަރައްގީއާއި ޒުވާނުންނަކީ ކުށްތަކުން ދުރުވެފައިވާ ބަޔަކަށް ހެދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމުގެ ޔަގީންކަން ޒުވާނުންނަށް އަރުވާ ކަމަށެވެ.