އިންޑިއާގައި މީހުން މެރުން އާ ހަރުފަތަކަށް ދިޔައީ ކަމަށް ބައެއް ފަރާތްތަކުން ބުނަން ފަށައިފި އެވެ. ސަބަބަކަށްމިވީ 23 އަހަރުގެ ޒުވާނަކާއި ދިހަ އަހަރުގެ ކުއްޖަކާއި އަދި ނުވަ އަހަރުގެ ކުއްޖަކާ ދެމެދު ހިނގި ދެބަސްވުމެއްގައި ކުޑަ ދެކުދިން ވެގެން ބިޔަރު ފުޅިއެއް ތަޅާލުމަށްފަހު 23 އަހަރުގެ ޒުވާނާގެ ކަރަށް އެ ފުޅި ކޮއްޕާލައިގެން އެ ޒުވާނާ މަރާލުމުންނެވެ.
ވެރިރަށް ދިއްލީގެ ގޯވިންދުޕޫރީގައި ހުކުރުދުވަހުގެރޭ ހިނގި އެ ހާދިސާގައި މަރުވެފައިވަނީ ސަންޖޭ ކުމާރު ކިޔާ މީހެކެވެ. މަންޒަރުދުއް މީހުން ބުނާގޮތުން ސަންޖޭ ކުމާރު ކައިރިއަށް އެ ކުޑަދެކުދިން ދިޔައީ ސަލާން ޖެހުމަށެވެ. ނަމަވެސް އެ ކުދިންނާ ސަންޖޭ ޒުވާބު ކުރަން ފެށުމުން އެތަނުން އެއްކުއްޖަކު ސަންޖޭގެ ކަރަށް ތަޅާލާފައިވާ ބިޔަރު ފުޅިއެއް ކޮއްޕާލީ ކަމަށްވެސް މަންޒަރު ދުއް ބައެއް ފަރާތްތަކުން ބުނެ އެވެ.
”ސަންޖޭ އެއީ މި ހިސާބުގައި މާ ވިއްކާ ފިހާރައެއް ހިންގާ މީހެއް، މި ހޮޓަލަށް އައިސް އިނީ ސައިތައްޓެއް ބޯން، އިންދާ އެ ދެކުދިން އައީ ސަލާން ޖަހަން، ލާރި ނުދީފި ނަމަ މަރާލާނެ ކަމުގެ އިންޒާރުވެސް އެ ދެކުދިން ސަންޖޭއަށް ދިން، ސަންޖޭ ރުޅި އައިސްގެން އޭގެ އެއްކުއްޖެއްގެ މޫނުމަތީގައި ޖެހީ، ދެން އެތަނުން އެއްކުއްޖަކު ސަންޖޭގެ ބޮލުގައި ބިޔަރު ފުޅިން ޖެހީ އަދި ބިޔަރު ފުޅި ތަޅައިގެން ދިއުމުން ސަންޖޭގެ ކަރަށް ކޮއްޕާލީ“ މަންޒަރު ދުއްމީހަކު ކިޔާދިނެވެ.
މަންޒަރު ދުއް ބައެއް ފަރާތްތަކުން އިތުރަށް ބުނާގޮތުން ސަންޖޭގެ ކަރަށް ފުޅި ހަރާލުމުން އެތަނުން ދުވެ ފިލަން ސަންޖޭ މަސައްކަތް ކުރި އެވެ. ނަމަވެސް ދުއްވައިގަތް އިރަށް ވެއްޓުނީ ކަމަށާއި ދެން ބެލި އިރު އޮތީ މަރުވެފައިކަމަށް އެ ފަރާތްތަކުން ބުނެ އެވެ.
ދިއްލީ ފުލުހުން ބުނެފައިވަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.