ފާރަގެމަ ބޭނުންކޮށްގެން ލ.އަތޮޅުގައި ކުރިއަށްގެންދާ އޮޕަރޭޝަންގައި ހަ ތަނަކާއި އުޅަނދެއް ބަލައި ފާސްކޮށްފި

ލ. އަތޮޅުގައި ފާރަ ބޭނުންކޮށްގެން ހިންގާ ބޮޑު އޮޕަރޭޝަނުގައި 6 ތަނަކާއި ކަނޑު އުޅަނދެއް ބަލައިފާސްކޮށްފިއެވެ.

ފުލުހުން ބުނީ ލ. އަތޮޅުގައި މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވައި މަސްތުވާތަކެތި ލިބެންހުރި ދޮރުތައް ބަންދުކުރުމަށް ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަންއާއި ލ. އަތޮޅިގައި މަސައްކަތްކުރާ ފުލުހުންނާ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ފުލުހުންނާއި ޑައިރެކްޓްރޭޓް އޮފް އިންޓެލިޖެންސް ގުޅިގެން ހިންގާ މި އޮޕަރޭޝަނުގައި ފާރަ ބޭނުންކޮށްގެން މިމެއި މަހުގެ 21 ވަނަ ދުވަހު ދެ ތަނެއް ބަލައިފާސްކޮށްފައި ވާކަމަށެވެ. އެގޮތުން ބަލައިފާސްކޮށްފައިވަނީ ލ. ގަން ތުނޑީ އަވަށުގެ ދެ ގެއެއް ކަމަށްވެސް ފުލުހުން ބުނެ އެވެ.

މީގެއިތުރުން މި މެއި މަހުގެ 22 ވަނަ ދުވަހު ފާރަ ބޭނުންކޮށްގެން ހަތަރު ތަނަކާއި ކަނޑު ދަތުރުކުރާ އުޅަނދެއް ބަލައިފާސްކޮށްފައިވާ ކަމަށާއި އެގޮތުން ބަލައިފާސްކޮށްފައިވަނީ ލ. ގަން ތުނޑީގެ ދެ ގުދަނަކާއި ދެ ފިހާރައެއްގެ އިތުރުން މާލެއާއި ލ. އަތޮޅާއި ދެމެދު ދަތުރުކުރާ ބޯޓެއް ކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ ލ. އަތޮޅުގައި ފުލުހުން މިހާރު ކުރިއަށްގެންދާ ޚާއްޞަ އޮޕަރޭޝަންގައި ލ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ސިނާޢީ މަސައްކަތްކުރާ ރަށްރަށާއި ފަޅުރަށްތަކުގެ އިތުރުން ކަނޑައެޅޭ ތަންތަން ބަލައިފާސްކުރުމާއި މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތުކުރެވޭ ކުރެވޭ މީހުން ދިރިއުޅޭ ތަންތަންވެސް ބަލައިފާސްކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

މި އޮޕަރޭޝަންގައި އަދި އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް އަދި މަސްތުވާތަކެތީގެ އެއްވެސް ބާވަތެއް އަދި އެއްވެސް މިންވަރެއް އަތުލައިގެންފައިވާކަމެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *