މިސްކިތަށް ހަމަލާދިން މީހުން އަތުލައިގަތުމަށް ސައުދީން ވައުދު ވެއްޖެ

ސައުދީ އަރަބިއްޔާގެ އިރުމަތީ ސަރަހައްދުގެ ޝީއައީ މިސްކިތަކަށް ޖާނުން ފިދާވެ ދިން ހަމަލާއެއްގައި 21 މީހަކު މަރުވެފައިވާއިރު އެ މިސްކިތަށް ހަމަލާދިން މީހުން އަތުލައިގަތުމަށް ސައުދީގެ ހާރިޖީ ވުޒާރާއިން ވައުދު ވެއްޖެ އެވެ.

”ޓެރަރިސްޓުން އެ ދިން ހަމަލާއިން ފާޅުވަނީ ގައުމުގައި ފިތުނަ ފަސާދަ އުފައްދަން އުޅޭކަން، އެމީހުން އަތުލައިގަންނާނެ ކަމުގެ ވައުދުވަން“ ހާރިޖީ ވުޒާރާގެ ތަރުޖަމާނު މޭޖާ ޖެނެރަލް މަންސޫރު އަލް ތުރްކީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ ކުރިންވެސް ހަމަ މިފަދަ ހާދިސާ ގައުމުގައި ހިންގާފައިވާކަމަށާއި އެގޮތުން ނިމިދިޔަ އަހަރު މޫނު ނިވާކޮށްގެންތިބި ތިން މީހަކު އަލް ދަލްވާ ސަހަރުގައި ބަޑިން ހަމަލާދީ ފަސް މީހަކު މަރާލާފައިވާކަމަށެވެ. އަދި ޓެރަރިސްޓުންނަށް މި ފަދަ އިތުރު ފުރުސަތު ނުދޭނެ ކަމަށެވެ.

”މިހާރު އެންމެ މުހިންމު ކަމަކީ މިފަދަ ފިނޑި އަމަލުތައް ރާވާ ހިންގުމުގެ ފަހަތުގައި ތިބި މީހުން އަތުލައިގަތުން، މި އެންމެން ހައްޔަރުކުރުން“ އަލް ތުރްކީ ވިދާޅުވި އެވެ.

މިދިޔަ ހުކުރު ދުވަހު މީހަކު ޖާނުން ފިދާވެ ދިން އެ ހަމަލާގައި 21 މީހަކު މަރުވެފައިވާއިރު ޖުމްލަ 81 މީހަކަށް އެކި ވަރުގެ އަނިޔާ ލިބިގެން ފަރުވާ ދީފައިވެ އެވެ. މި ހަމަލާގެ ޒިންމާ މިހާރު ވަނީ އައިއެސް ޖަމާއަތުން އުފުލާފަ އެވެ.

އައިއެސް ޖަމާއަތުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެޙަމަލާއަކީ އެންމެ ފުރިހަމަ ޖިހާދުގެ އަމަލުތަކުގެ ތެރޭގައި ހިމެނޭ އަމަލެއް ކަމަށާއި އެއަމަލު ހިންގާފައިވަނީ އެޖަމާއަތުގެ މުޖާހިދަކު އޭނާގެ ހަށިގަނޑުގައި ގޮވާތަކެތީގެ ބެލެޓެއް ހަރުކޮށްގެން އެ މިސްކިތަށް ހުކުރު ނަމާދަށް ގޮސްތިބި މީހުންނަށް އަމާޒުކޮށްގެން ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *