ކަނޑުމަގުން ލ. ގަމަށް އެތެރެކުރި ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެ ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މާލެއިން ފުރައިގެން ލ. ގަމަށް ދަތުރުކުރަމުންދިޔަ ދޫރެސް ބޯޓުން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މިމެއި މަހުގެ 19 ވަނަ ދުވަހުގެރޭ 22:50 ހާއިރު ފެށިގެން ހިންގަމުންދިޔަ މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ ފިރިހެނެއްގެ އިތުރުން 17 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ. އަދި މި އެންމެންނަކީވެސް ދިވެހިން ކަމަށެވެ.
މިމީހުންގެ ތެރެއިން 33 އަހަރުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިމެއި މަހުގެ 19 ވަނަ ދުވަހުގެރޭ 23:50 ހާއިރު ކަމަށާއި އަދި 25 އަހަރުގެ މީހާއާއި 17 އަހަރުގެ ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މެއި މަހުގެ 20 ވަނަ ދުވަހުގެ ހަވީރު 16:50 ހާއިރު ކަމަށާއި މީގެއިތުރުން 28 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މި އޮޕަރޭޝަނަށްކޯޓު އަމުރު ނެރެދިން މެޖިސްޓްރޭޓަށް ބިރު ދައްކައި އިންޒާރުދިނުމާއި ގުޅިގެން މި މެއި މަހުގެ 20 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށްވެސް ފުލުހުން ބުނެ އެވެ.
”18 ގަޑިއިރަށް ދެމިގެންދިޔަ މި އޮޕަރޭޝަނުގައި ފުލުހުން ވަނީ ދޫރެސް ބޯޓު ލ. ގަން ތުނޑީ ބަނދަރަށް ބަނދަރުކުރުމާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެބޯޓު ބަލައިފާސްކޮށްފައި، އަދި މި ބޯޓު ބަނދަރުކުރުމާއެކު އެ ބޯޓުގައި ހުރި ތަކެތި ބޭލުނަ ނުދީ ފުލުހުންގެ ބެލުމުގެ ދަށުން އެތަކެތި ބާލައި ބަލައިފާސްކޮށްފައިވާއިރު މަސްތުވާތަކެތި ފެނިފައިވަނީ އެބޯޓުގެ ފަހަތުގައި ފެންޑަރެއްގެ ގޮތުގައި ބޭނުންކުރުމަށް އެލުވާފައިވާ ޓަޔަރެއްގެ ތެރެއިން،މި ޓަޔަރު ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބްލެޓް ސައިޒުގެ 43 ރަބަރު ޕެކެޓާއި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާއިރު މިތަކެތީގެ ބަރުދަނަކީ 134.99 ގްރާމް“ ފުލުހުން ބުނެފައި ވެ އެވެ.
މިހާތަނަށް ބެލިބެލުމުން އެނގިފައިވާގޮތުގައި މި އޮޕަރޭޝަނުގައި ފުލުހުންގެ ބަލައިފާސްކޮށްފައިވާ ދޫރެސް ބޯޓަކީ މީގެކުރިންވެސް ލ. ގަމަށް މަސްތުވާތަކެތި އެތެރެކޮށްފައިވާ ބޯޓެއް ކަމަށާއި މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ 17 އަހަރުގެ ކުއްޖާއަކީ ކުޑަކުއްޖަކާ ބަދުއަހުލާޤީ އަމަލު ހިންގި މައްސަލައެއްގެ ރެކޯޑްސް އޮންނަ މީހެއް ކަމަށް އަދި 25 އަހަރުގެ މީހާއަކީ ބަނގުރާ ބުއިމާއި ބިރުދެއްކުމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށް އަދި މީގެއިތުރުން 28 އަހަރުގެ މީހާއަކީ މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށްވެސް ފުލުހުން ބުނެ އެވެ.