ގއ. ވިލިނގިލި، ގުލްފާމްގެ، އަޙްމަދު ސަމޫދު (24އ) -- ފޮޓޯ: ޑީއެންއާރު
ގއ. ވިލިނގިލި، ގުލްފާމްގެ، އަޙްމަދު ސަމޫދު (24އ) -- ފޮޓޯ: ޑީއެންއާރު

ޖަމާއަތް ހަދައިގެން ފޭރުނު މީހަކާއި ކުޑަކުއްޖަކު ޖަލަށް

ޖަމާޢަތް ހަދައިގެން ތޫނުއެއްޗަކުން ބިރުދައްކައިގެން ފޭރުނު މީހަކާއި ކުޑަކުއްޖަކު ޖަލަށް ލުމަށް ގއ. ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.

ގއ. ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން އިއްޔެ ޙުކުމް ކޮށްފައިވަނީ ގއ. ވިލިނގިލި، ގުލްފާމްގެ، އަޙްމަދު ސަމޫދު (24އ) ގެ މައްޗަށާއި 16 އަހަރުގެ ފިރިހެން ކުއްޖެއްގެ މައްޗަށެވެ. މި މައްސަލާގައި އަޙްމަދު ސަމޫދުގެ މައްޗަށް ޙުކުމް ކޮށްފައިވަނީ 4 އަހަރުގެ މުއްދަތަށް ޖަލަށް ލުމަށެވެ. 16 އަހަރުގެ ކުއްޖާގެ މައްޗަށް ޙުކުމް ކޮށްފައިވަނީ 2 އަހަރުގެ މުއްދަތަށް ޖަލަށް ލުމަށެވެ.

ދަޢުލަތުން އެމީހުންގެ މައްޗަށް ޖަމާޢަތް ހަދައިގެން ތޫނު އެއްޗަކުން ބިރުދައްކައިގެން ފޭރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވަނީ، އެމީހުން 2015 ފެބްރުއަރީ 09 ވަނަ ދުވަހު، މީހަކު ގއ. ވިލިނގިލި ގެއެއްގެ ރުއްކޮށީގައި ހުއްޓައި، އަޙްމަދު ސަމޫދު އެތަނުގައި ފިލައި ހުރެފައި އެމީހާގެ ފަހަތުން ގޮސް އޭނާ ލައިގެން ހުރި ޓީޝާޓްގެ ގިރުއާނުގައި އަޙްމަދު ސަމޫދު ވަރަށް ބާރަށް ހިފެހެއްޓި ވަގުތު، 16 އަހަރުގެ ކުއްޖާ، އެމީހާގެ ކަރުގައި 9 އިންޗި ހުންނަވަރުގެ ވަޅިއެއް ޖެއްސުމަށްފަހު އިންޒާރުދީ، އެމީހާގެ ވޮލެޓްގައި ހުރި 8000 އަށްވުރެ ގިނަ ރުފިޔާއާއި އެ ވޮލެޓްގައި ހުރި އެހެނިހެންތަކެއްޗާއެކު ވޮލެޓާއި އެމީހާގެންގުޅުނު ސެމްސަންގ ގެލެކްސީ ނޯޓް 4 ފޯން ފޭރިގެންފައިވާ މައްސަލައާ ގުޅިގެންނެވެ.

މި ދެމީހުންގެ މައްޗަށް ވަކިވަކިން ކޮށްފައިވާ ދަޢުވާ ބެލުމަށްފަހު، އަޙްމަދު ސަމޫދުގެ މައްޗަށް ކޮށްފައިވާ ޙުކުމުގައި ބުނަނީ، އަޙްމަދު ސަމޫދު މި ދަޢުވާއަށް މުޠުލަޤުކޮށް އިންކާރުކޮށްފައި ނުވާކަމަށާއި ދަޢުލަތުން ހުށަހެޅި ހެކިންގެ ހެކިބަހާއި އަނިޔާލިބުނު ފަރާތުން ޝަރީޢަތުގައި ދިފައިވާ ބަޔާނާމެދު އަޙްމަދު ސަމޫދު ވާހަކަ ދައްކައި އެއިން ހެއްކެއްގެ ހެކިބަސް ނަފީކުރުމަށްޓަކައި އިންކާރުކޮށް، ދިފާޢުގައި ހެއްކެއް ނުވަތަ ޤަރީނާއެއް ހުށަހަޅާފައި ނުވާތީއާއި، އެވަގުތު އަޙްމަދު ސަމޫދު ހުރީ މަސްތުގެ ހާލަތުގައި ކަމަށްވާތީ އެފަދަ ކަމެއް ކުރެވުނު ކަމެއްވެސް ނުވަތަ ނޫންކަމެއްވެސް ނޭނގޭކަމަށް ބުނެ ދަޢުވާއަށް ޖަވާބުދާރީ ވެފައިވާކަމަށެވެ. އަދި މަސްތުވުމުގެ އެ ޢަމަލަށް މަސްޢޫލު އުފުލަންޖެހޭ ފަރާތަކީ އަޙްމަދު ސަމޫދު ކަން ޢާންމު ޢުޞޫލްތަކަށް ބެލުމުން އެނގެން އޮންނާތީ ދަޢުލަތުން އަޙްމަދު ސަމޫދުގެ މައްޗަށް އުފުލި ދަޢުވާ ސާބިތުވާކަމަށެވެ.

އެހެންކަމުން، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން، ޤާނޫނުލް ޢުޤޫބާތުގެ ދަށުން ފޭރުމުގެ ކުށަށް 6 މަސް، ފޭރިފައިވަނީ ޖަމާޢަތް ހަދައިގެން ކަމަށްވާތީ 6 މަސް، ތޫނު އެއްޗެއް ބޭނުންކޮށްގެން ފޭރިފައިވާތީ 3 އަހަރު، ޖުމްލަ 4 އަހަރު ދުވަހުގެ މުއްދަތަށް އަޙްމަދު ސަމޫދު ޖަލަށް ލުމަށް ޙުކުމްކުރާކަމަށްވެސް ގއ. ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގެ ޤާޟިއްޔާގައި ވެއެވެ.

ގއ. ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން، 16 އަހަރުގެ ކުއްޖާގެ މައްޗަށް ކޮށްފައިވާ ޙުކުމުގައި ބުނަނީ، މި ދަޢުވާ ދަޢުލަތުން އޭނާގެ މައްޗަށް އުފުލި ހިނދު، ދަޢުވާއަކީ ރަނގަޅު ދަޢުވާއެއްކަމަށް 2015 މެއި 20 ވަނަ ދުވަހު ޝަރީޢަތުގެ މަޖިލީހުގައި ބުނެ، ދަޢުވާއަށް އިޢުތިރާފް ވެފައިވާތީ ދަޢުލަތުން އޭނާގެ މައްޗަށް އުފުލި ދަޢުވާ ސާބިތުވަކަމަށެވެ.

އެހެންކަމުން، މި ހާދިސާ ހިނގިއިރު އޭނާއަކީ 18 އަހަރު ނުފުރޭ، ޤާނޫނީގޮތުން ކުޑަކުއްޖަކަށް ވާތީ، ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ބަލައި، ތަޙުޤީޤުކޮށް، އިންސާފުކޮށް އަދަބު ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދަށް ރިޢާޔަތްކޮށް، މިއީ މިބާވަތުގެ ކުށެއް އޭނާގެ މައްޗަށް ސާބިތުވި ފުރަތަމަ ފަހަރުކަމަށް ވުމާއެކު 4 މަސް، ޖަމާޢަތް ހަދައިގެން ހިންގި ފޭރުމުގެ ޢަމަލަކަށް ވާތީ 4 މަސް، އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން ހިންގި ފޭރުމުގެ ޢަމަލަކަށް ވާތީ 16 މަސް، އެކު ޖުމްލަ 2 އަހަރު ދުވަހުގެ މުއްދަތަށް އޭނާ ޖަލަށް ލުމަށް ހުކުމް ކުރާކަމަށްވެސް ގއ. ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގެ ޤަޟިއްޔާގައި ވެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *