ޕާކިސްތާނުގެ އުތުރުގައި އޮންނަ ވަޒިރިސްތާނުގައި ގާއިމް ކޮށްފައިވާ ޗެކްޕޮއިންޓަކަށް އަމާޒުކޮށް ރޮކެޓާއި ގްރެނޭޑް ބޭނުންކޮށްގެން ދިން ހަމަލާއެއްގައި ޕާކިސްތާނުގެ 4 ސިފައިންގެ މީހުން މަރުވެ، އިތުރު 8 މީހަކު ގެއްލިފައިވާކަމަށް އެ ގައުމުން ބުނެފިއެވެ.
ޗެކްޕޮއިންޓަށް އަމާޒުކޮށް މި ހަމަލާ ދީފައިވާއިރު ވަޒިރިސްތާނުގައި އުޅޭ ތާލިބާނުން އެ ސަރަހައްދުން ފައްސާލުމަށް ޕާކިސްތާނުގެ ދިފާއީ ބާރުން ވަނީ ހާއްސަ އޮޕަރޭޝަނެއް މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ފަށާފަ އެވެ.
އިއްޔެގެ ހަމަލާގައި އިސް އޮފިޝަލަކު މަރުވި ކަމަށް އަސްކަރިއްޔާއިން ވަނީ ހާމަކޮށްފައެވެ. އެހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައި ނުވި ނަމަވެސް އަސްކަރިއްޔާއިން ތުހުމަތު ކުރަނީ އެ ހަމަލާއަކީ ތާލިބާން ދިން ހަމަލާއެއް ކަމަށެވެ.
އެ ސަރަހައްދުގައި މިހާރު ކާފިއު އިއުލާނު ކޮށްފައިވާއިރު ގެއްލުނު ސިފައިންގެ މީހުން ހޯދުމުގެ މަސައްކަތް އަސްކަރިއްޔާއިން އަންނަނީ ކުރަމުންނެވެ. މީގެ ކުރިންވެސް މިފަދަ ހަމަލާތަކުގައި ޕާކިސްތާނު ސިފައިން ގެއްލިފައި ވެއެވެ. އަދި ފަހުން އެމީހުންގެ ކަރު ބުރިކޮށްލާފައިވަނިކޮށް ފެންނަ ކަމަށް މީޑީއާ ރިޕޯޓްތައް ބުނެ އެވެ.