ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ހުށަހަޅަން ލާޒިމްކޮށްފައިވާ އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓް މިހާތަނަށް ހުށަހަޅާފައިވަނީ ހަތް ސިޔާސީ ޕާޓީއަކުންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ހުށަހަޅަންޖެހޭ މުއްދަތުގައި އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓު ހުށަހަޅާފައިވަނީ އެމްޑީޕީ، ޕީޕީއެމް، ޖޫމްހޫރީ ޕާޓީ، އަދާލަތު ޕާޓީ، ޑީއާރްޕީގެ އިތުރުން އެމްޑީއޭއާއި އާއިޑީޕީ ކަމަށެވެ.
އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ސިޔާސީ ޕާޓީތަކުން އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓް ހުށަހަޅަންޖެހޭއިރު އެގޮތަށް އަމަލުނުކުރާ ޕާޓީތަކަށް ފައިސާ ދޫނުކުރެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.
ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާގެ ގޮތުގައި މިއަހަރުގެ ބަޖެޓުގައި 20 މިލިއަށް ރުފިޔާ ހިމަނާފައިވެ އެވެ. މިދިޔަ އަހަރު ނުވަ ސިޔާސީ ޕާޓީއަކަށް ދައުލަތުގެ ބަޖެޓުން 11.7 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.
މިދިޔަ އަހަރު އެންމެ ގިނަ ފައިސާ ދޫކޮށްފައިވަނީ އެމްޑީޕީއަށެވެ. ފައިސާ ދޫކުރަނީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިތިބޭ މީހުންގެ އަދަަދަށް ބަލައިގެންނެވެ.
ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިވަގުތު އޮތީ 15 ސިޔާސީ ޕާޓީއެކެވެ.