މިހާރަކަށް އައިސް ސޯޝަލް މީޑިއާގެ ބައެއް ވަސީލަތްތައް ބޭނުން ކޮށްގެން ބަރަހަނާ ފޮޓޯ ފޮނުވާ މައްސަލަތައް ފުލުހުންނަށް ހުށަހެޅޭ މިންވަރު އިތުރު ވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ ޖެނެރަލް އިންވެސްޓްގޭޝަން ޑިޕާޓްމަންޓްގެ ޑެޕިއުޓީ ހެޑް އިންސްޕެކްޓަ އޮފް ޕޮލިސް މުހައްމަދު ޝަމީމް ވިދާޅުވީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އިރު އެކަކު އަނެކަކަށް ބަރަހަނާ ފޮޓޯތައް ފޮނުވައި، ފަހުން ދެމީހުންގެ ގުޅުން ކެނޑިގެންދާ ހިސާބުން އެފަދަ ފޮޓޯތައް އިންޓަނެޓްގައި އާއްމު ކުރާ މައްސަލަތައް ހުށަހެޅޭ މިންވަރު އިތުރުވަމުން ދިއުމަކީ ހިތާމަކުރަން ޖެހޭ ކަމެއް ކަމަށެވެ.
ޝަމީމް ވިދާޅުވީ އެކަކު އަނެކަކަށް ފޮނުވާފައި ހުންނަ ފޮޓޯތައް ދެމީހުން ރުޅިވުމުން އޭގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައި ބްލެކްމެއިލް ކުރާ މައްސަލަތައްވެސް ފުލުހުންނަށް ހުށަހެޅެމުންދާ ކަމަށެވެ. އަދި މިގޮތަށް ހުށަހެޅޭ މައްސަލަތަކަށް ބާލާއިރު ހާއްސަކޮށް އަންހެން ކުދިންގެ ބަރަހަނާ ފޮޓޯތައް ފޮނުވާފައިވާ މައްސަލަތައް އިތުރުވެފައިވާ ކަން ފާހަގަކުރެވޭ ކަމުގައިވެސް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ ފުލުހުންނަށް ހުށަހެޅޭ މިފަދަ މައްސަލަތަކަށް ބަލާއިރު އެފަދަ ފޮޓޯތައް ފޮނުވާފައިވާ އަންހެން ކުދިންނަށް ބިރުދައްކައި ލޯބީގެ ގޮތުން ގުޅިގެން އުޅެން މަޖުބޫރުކޮށް، ފިރިހެން ކުދިން ބޭނުންވާ ތަންތަނަށް ގެންގޮސް ބަދުއަހްލާގީ އަމަލު ހިންގައި ޖިންސީ ގޯނާކުރަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.
”މިފަދަ ކަންކަމަކީ ފުރާވަރަށް އަޅަމުން އަންނަ ކުދިންނާ ބެލެނިވެރިންގެ އިތުރުން މުޅި މުޖުތަމައު ވިސްނަން ޖެހޭފަދަ ކަމެއް. މިކަމަށް މުޖުތަމައު ސަމާލުކަން ނުދީފިނަމަ ހީވެސް ނުކުރާފަދަ ނުރަނގަޅު ކަންކަން ކުރިމަތިވުމަކީ ވެދާނެ ކަމެއް. މިހެންކަމުން ބެލެނިވެރިން ކުދިންނަށް ވިސްނައިދީ ކުދިންނާ މުއާމަލާތް ކުރަނީ ކޮންބަޔަކުކަން ދެނެގަންނަންޖެހޭ،“ ޝަމީމް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ސްކޫލްތަކުގައި ތައުލީމް ހާސިލް ކުރަމުންދާ ކުދިންނަށްވެސް މިކަމުގެ ނޭދެވޭ އަސަރު ކުރަމުންދާ ކަމަށާ ރައްޓެހިވެގެން އުޅޭ ކުދިންގެ ފަރާތުން ދިމާވާ ޖިސްމާނީ އަނިޔާތަކުގެ މައްސަލައާއި ޖިންސީ އަނިޔާތަކުގެ މައްސަލަތައްވެސް ފުލުހުންނަށް ހުށަހެޅެމުންދާ ކަމަށެވެ.
މިބާވަތުގެ އަމަލެއް ހިނގަމުންދާނަމަ ނުވަތަ އެއްވެސް ފަރާތަކަށް މަޖުބޫރު ކުރުވައިގެން މިބާވަތުގެ އަމަލުތަކެއް ހިންގަމުންދާނަމަ ލަސްނުކޮށް ފުލުހުންނަށް ހުށަހެޅުމަށް އެދިފައިވެ އެވެ.