ހުޅުމާލޭގައި އަލަށް ޓުރެފިކް ޕޮލިހުންގެ ހިދުމަތް ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ކުރިން އާންމު ފުލުހުން ޕެޓްރޯލް ކޮށް މަގުތައް ބަލަހައްޓަމުން ދިޔަ ހުޅުމާލޭގައި ޓުރެފިކް ޕޮލިހުންގެ ހިދުމަތް ފަށާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. ޓްރެފިކް ޕޮލިހުގެ ހިދުމަތް ވަކި ހިދުމަތެއްގެ ގޮތުގައި ފެށީ ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ އާބާދީ ދުވަހުން ދުވަހަށް އިތުރުވަމުން ދިއުމާއި، ދުއްވާ އުޅަނދުތައް ވެސް ގިނަވެ މަގުތަކުގެ ސަލާމަތާ ރައްކާތެރިކަން އިތުރު ކުރަން ޖެހިފައިވާތީ ކަމަށެވެ.
ހުޅުމާލޭގެ މަގުތަކަކީ ރައްކާތެރިކަމާ އެކު ދުއްވައި، ހިނގައި ބިނގާވެ އުޅެވޭ މަގުތަކަކަށް ހެދުމަށް ތައާރަފް ކުރި އެ ހިދުމަތް ފައްޓަވައިދެއްވީ ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއިލް ނަވީން އެވެ.
މިއަހަރުގެ ފުލުހުްނގެ އަހަރީ ދުވަހާއި ގުޅުވައިގެން ފުލުހުންގެ ދެވަނަ ޕޯސްޓެއްވެސް ވަނީ ހުޅުމާލޭގައި ހުޅުވާފަ އެވެ.