ގާސިމް އިބްރާހިމް -- ފޮޓޯ: މަޖިލީސް
ގާސިމް އިބްރާހިމް -- ފޮޓޯ: މަޖިލީސް

ސަރުކާރާ އެކު މަޝްވަރާކުރަން ތައްޔާރު: ގާސިމް

ގައުމުގެ ހަމަޖެހުމަށާއި ރައްޔިތުންގެ ފައިދާ އަށް ސަރުކާރާ އެކު މަޝްވަރާކުރަން ޖުމްހޫރީ ޕާޓީ އޮތީ ތައްޔާރަށް ކަމަށް އެ ޕާޓީގެ ލީޑަރު މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ގާސިމް މިހެން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ސަރުކާރާ އެކު މަޝްވަރާކުރުމަށް ރައީސް ޔާމީން މިއަދު ގޮވާލެއްވުމުން ކުރެއްވި ޓުވީޓެއްގަ އެވެ. ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީ އޮތީ ސަރުކާރާއި އެކު މަޝްވަރާ ކުރުމަށް ތައްޔާރަށް ކަމަށެވެ.

”ރާއްޖޭގެ ހަމަޖެހުމަށާއި ރައްޔިތުންގެ ފައިދާ އަށް މަޝްވަރާކުރަން ރައީސް ޔާމީން އިދިކޮޅު ފަރާތްތަކަށް ގޮވާލެއްވީތީވެ މަރުހަބާ ދަންނަވަން،“ ގާސިމް ވިދާޅުވި އެވެ.

މޭޑޭގައި ކުރި މުޒާހަރާއާ ގުޅިގެން ގާސިމް ހައްޔަރުކުރުމަށް ކޯޓު އަމުރު ނެރެފައިވާ ކަމަށް ދައްކާ ވާހަކަތަކާއި ގުޅީގެން ގާސިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މުޒާހަރާ އަށް އޭނާ ފަންޑުކުރި ކަމަށް ދައްކާ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށެވެ.

”އަޅުގަނޑު ހައްޔަރުކުރަން ކޯޓު އަމުރު ނެރުނު ކަމަށް ބުނަނީ 1 މޭ ގެ ރެލީ އަށް ހަރަދުކުރި ކަމަށް ބުނެ. ކުރިން ވެސް ބުނި ފަދައިން ހަރަދެއް ނުކުރަން،“ ގާސިމް ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކާއި އެކު މަޝްވަރާ ކުރަން ބޭނުންވާކަމަށް ރައީސް ޔާމީން މިއަދު ވިދާޅުވުމާއި ގުޅިގެން ޖޭޕީން އެކަމަށް ތައްޔާރަށް ތިބިކަން ހާމަކުރި އިރު އެމްޑީޕީން ބުނެފައިވަނީ އެ މަޝްވަރާތަކުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ޗެއާޕާސަން އަލީ ވަހީދާއި އެކު ރައީސް ޔާމީން މަޝްވަރާތަކުގައި ބައިވެރިވާނަމަ އެމްޑިޕީން އެކަމަށް ތައްޔާރަށް އޮތް ކަމަށެވެ.

އަދާލަތު ޕާޓީން އަދި އެކަމާއި ގުޅޭގޮތުން އެއްޗެތް ނުބުނެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކަށް ރައީސް ޔާމީން މަޝްވަރާގެ ފުރުސަތު އަލުން ހުޅުއްވާލެއްވީ ގާނޫނީ އިމުގެ ތެރެއިން މަޝްވަރާ ކުރި އަށް ގެންދިއުމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *