ޝިރީން އާއި ނަޖާހު --
ޝިރީން އާއި ނަޖާހު --

ޝީރީން މަރާލިކަން އޭނާގެ ލޯބިވެރިޔާގެ މައްޗަށް ސާބިތެއް ނުވި

މަރިޔަމް ޝީރީން މަރާލުމުގެ ކުށް އޭނާގެ ލޯބިވެރިޔާ މުހައްމަދު ނަޖާހުގެ މައްޗަށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ހުކުމް އިއްވަވަމުން އެ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވީ، ދައުލަތުން ނަޖާހުގެ މައްޗަށް އުފުލި ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އަށް އޭނާ އިންކާރުކޮށްފައިވާ އިރު އެ ކުށް އޭނާގެ މައްޗަށް ސާބިތު ކުރަން ބޭނުންވާ މިންވަރަށް ހެއްކާއި ގަރީނާ ހުށަހަޅާފައި ނުވާ ކަމަށެވެ.

ހަދަމުން ދިޔަ އިމާރާތެއްގެ ތެރެއަށް ޝީރީން އެއްލާލާފައި އޮއްވައި ފެނުނީ ޖެނުއަރީ 2010ގަ އެވެ. އޭނާ ފެނުނު އިރު އޮތީ ކުނިތަކެއްގެ ތެރޭގައި ފޮއްޓަކަށް ލާފައި އެވެ.

އޭނާގެ ހަށިގަނޑު ބެލި ތިން ޑޮކްޓަރަކު ޝަރީއަތުގައި ހެކިބަސް ދީފައިވީ ނަމަވެސް އޭނާ މަރުވެފައިވަނީ މީހަކު ކޮށްފައިވާ އަނިޔާއެއްގެ ސަބަބުންކަން ބުނެދޭން ނޭނގޭ ކަމަށް އެމީހުން ހެކިބަސް ދިންކަން ގާޒީ ފާހަގަކުރެއްވި އެވެ. އަދި ޝީރީން މަރުވެފައިވަނީ ކިހިނެއްތޯ ބެލުމަށް ޕޯސްޓްމޯޓަމް ހެދުމަށް ޑޮކްޓަރުން ލަފާދިން ކަމަށް ޝަރީއަތުގައި ހެކިބަސް ދިން ނަމަވެސް އެކަން ކޮށްފައިވާ ކަމެއް އެއްވެސް ލިޔުމަކުން ފެންނަން ނެތް ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ނަޖާހުގެ މައްޗަށް އެ ދައުވާ ކުރީ 2009 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން މާފަންނު ކުރަހާގޭގެ ކޮޓަރިއެއްގެ ތެރޭގައި މަރިޔަމް ޝީރީނާއެކު އުޅުނު އުޅުމުގައި އޭނާ ޝީރީން މަރާލާފައިވާ ކަމަށް ބުނެ އެވެ.

ޝަރީއަތުގައި ދައުލަތުން ބުނެފައި ވަނީ، ނަޖާހު ޝީރީން މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ފޮއްޓަކަށް ލައިގެން ޓެކްސީއެއްގައި ގެންގޮސް މާފަންނުގައި އިމާރާތްކުރަމުންދިޔަ ގެއެއްކަމުގައިވާ މ. އަންގާގިރީގައި ބަހައްޓާފައިވާ ކަމަށެވެ.

ޝީރީން އެއްލާލާފައި އޮތް ފަޅުގެ ކަރިއަށް ބޮޑު ފޮއްޓެއް ހިފައިގެން ނަޖާހު ޓެކްސީއެއްގައި ދިޔަ ކަމަށް ދައުލަތުން ބުނެފައިވާއިރު އެކަން ސާބިތުކޮށްދިނުމަށް، އޭނާ އޭރު އެރި ޓެކްސީގެ ޑްރައިވަރު ހެކިބަސް ދިނެވެ. ނަމަވެސް ހުކުމުގައި ގާޒީ ފާހަގަކުރެއްވިގޮތުގައި ޑްރައިވަރު ބުނެފައިވަނީ ބަރު ފޮއްޓެއް ހިފައިގެން ނަޖާހު، އޭނާ ދުއްވި ކާރަކަށް އެރި ކަމަށާއި އަދި އެ ކާރުގެ ތެރެއިން އޭގެ ފަހުން ތަތްމުޑު ވަހެއް ދުވި ކަމަށެވެ.

މ. ކުރަހާގޭ ކޮޓަރިއެއްގައި ޝީރީނުއާ އެއްކޮށް އުޅެމުންދިޔަ އޭނާގެ ލޯބިވެރިޔާ ނަޖާހުގެ މައްޗަށް ކުށް ސާބިތުކުރަން ހުށަހެޅި ހެކިންގެ ތެރެއިން އެކަކު ވެސް، ޝީރީނު މަރާލަން ނަޖާހް އަމަލެއް ހިންގި ކަމަށް ބުނެފައި ނުވާކަން ހުކުމުގައި ފާހަގަކުރި އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *