މިދިޔަ އެޕްރީލް މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 940.3 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވާ ކަމަށް އ އޮތޯރިޓީން ބުނެފި އެވެ.
މީރާ އިން މިއަދު އާއްމުކުރި އޭޕްރީލް މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ އެޕްރިލް މަހު ލިބިފައިވާ އާމްދަނީ އަކީ އޭގެ ކުރީ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު 14.9 ޕަސެންޓުގެ ކުރިއެރުމެކެވެ. އާމްދަނީ އިތުރުވި ސަބަބެއް ކަމަށް މީރާ އިން ބުނެފައި ވަނީ ފަތުރުވެރިކަމުގެ ދާއިރާ އިން ނެގޭ ޖީއެސްޓީ ކުރީ އަހަރު އެޕްރީލްގައި އަށް ޕަސެންޓް ނެގި ނަމަވެސް މިއަހަރު އެޕްރީލްގައި 12 ޕަސެންޓްގައި ނެގުމުންނެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ޖީއެސްޓީގެ ގޮތުގައި 655 މިލިއަން ރުފިޔާ ލިބުނު އިރު އެއީ ޖުމްލަ އާމްދަނީގެ 69.8 ޕަސެންޓެވެ. އޭގެ ތެރޭގައި އާއްމު ޖީއެސްޓީގެ ގޮތުގައި ލިބުނު 194 މިލިއަނެއްހާ ރުފިޔާ އާއި ޓީ-ޖީއެސްޓީ އަށް ދެއްކި ގާތްގަނޑަކަށް 461 މިލިއަން ރުފިޔާ ހިމެނެ އެވެ.
ފާއިތުވި އެޕްރީލް މަހު އެންމެ ބޮޑު އާމްދަނީ އެއް ލިބިފަައި ވަނީ ޖީއެސްޓީ އިންނެވެ. އެއީ 656 މިލިއަން ރުފިޔާ އެވެ. މިއީ ލިބުނު އާމްދަނީގެ 69 ޕަސެންޓެވެ.
މިދިޔަ މަހު ލިބުނު އާމްދަނީ މީރާ އިން ކުރިން ލަފާކޮށްފައިވާ މިންވަރަށް ވުރެ 6.5 ޕަސެންޓް އިތުރުވެފައި ވިޔަސް، އެއީ އޭގެ ކުރީ މަހު ލިބުނު މިންވަރަށް ވުރެ ދަށް އަދަދެކެވެ. މިދިޔަ މާޗު މަހު އާމްދަނީގެ ގޮތުގައި މީރާ އަށް 1.27 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މި އަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހު މީރާ އަށް ލިބުނު އާމްދަނީ ވަނީ 4.6 ބިލިއަން ރުފިޔާ އަށް އަރާފަ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ލިބުނު 3.6 ބިލިއަން ރުފިޔާ އަށް ވުރެ ބިލިއަނެއްހާ ރުފިޔާ އިތުރު އަދަދެކެވެ.