ސޫޓުކޭހަކަށް ލައިގެން މޮރޮކޯއިން ސްޕެއިނަށް ކުޑަ ކުއްޖަކު އެތެރެކުރަން އުޅެނިކޮށް ފަޅާ އަރައިފި އެވެ.
ސްޕެއިންގެ ފުލުހުން ބުނީ ސޫޓްކޭހަކަށް ލައިގެން މޮރޮކޯއާއި ސްޕެއިން ގުޅޭ ބޯޑަރުން ކުޑަކުއްޖަކު އެތެރެކުރަން އުޅުނީ 19 އަހަރުގެ އަންހެނެއް ކަމަށާއި މިހާރު އެ އަންހެންމީހާ ހައްޔަރުކޮށްފައިވާކަމަށެވެ.
”އެ ފޮށި ސްކޭނާތެރެއަށް ލުމުން ފެނުނީ ހައިރާންކުރުވަނިވި މަންޒަރެއް، ފެނުނީ އިންސާނަކު އެ ފޮށީގެ ތެރޭގައި އޮތްތަން، ދެން ފޮށި ހުޅުވާ ބެލި އިރު އެއީ ކުޑަ ފިރިހެން ކުއްޖެއް، ހާލުވެސް ދެރަކޮށް އޮތީ“ ސްޕެއިން ބޯޑަރު ސެކިއުރިޓީން ބުނެ އެވެ.
ބޯޑަރު ސެކިއުރިޓީގެ ތަރުޖަމާނު ބުނެފައިވަނީ އެ ކުއްޖާއަކީ އުމުރުން އަށް އަހަރުގެ ފިރިހެން ކުއްޖެއް ކަމަށާއި އެކުއްޖާގެ ބައްޕަވެސް މިހާރު އަތުލައިގެންފައިވާކަމަށެވެ.
އެފްރިކާގެ ގައުމުތަކުން މޮރޮކޯ ބޯޑަރު މެދުވެރިކޮށް އަބަދުވެސް ސްޕެއިން އަށް އެތެރެވާން މަސައްކަތް ކުރެ އެވެ. ބައެއް މީހުން ކޮންޓޭނާ ތަކުގައި ބަންދުވެގެން އެތެރެވާން މަސައްކަތް ކުރާއިރު އަނެއްބަޔަކު މަސައްކަތްކުރަނީ ކަނޑުމަގުން ފަތާފައެވެ.