ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ބިލް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ތަސްދީގު ކުރައްވައިފި އެވެ.
އިސްލާމިކް ޔުނިވާސިޓީގެ ބިލުގެ އިތުރުން ރައީސް މިއަދު ވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތައް ދެވަނަ އިސްލާހު ގެނައުމުގެ ބިލުވެސް ތަސްދީގުކުރައްވައިފަ އެވެ.
ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމްކުރާ އިސްލާމިކް ޔުނިވާސިޓީގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. އެބިލް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެންބަރުންގެ އިއްތިފާގުންނެވެ.
އެބިލްގައިވާ ގޮތުން އެ ބިލް ފާސްވެ ގާނޫނަކަށްވުމާއެކު މިހާރުގެ ކުއްލިޔަތުއް ދިރާސަތުލް އިސްލާމިއްޔާ “ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީ”ގެ ގޮތުގައި ހަމަޖެހިގެންދާނެ އެވެ.
އެ ބިލް ދިރާސާކޮށް ކޮމިޓީގެ މަސައްކަތް ނިންމާލިއިރު މާބޮޑު ބަދަލެއް ބިލަށް ގެނެސްފައއެއް ނުވެއެވެ. ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ކުރި މީހަކު އިސްލާމިކް ޔުނިވަސިޓީގެ ބޯޑުގައި ނުހިމެނޭނެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.