އަންނަ ބުދަ ދުވަހު ރައީސް ޔާމީން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް، ފުރަމާނަ ދަތުރުފުޅެއްގައި ޕާކިސްތާނަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެ އެވެ.
މި ދަތުރުފުޅާ ބެހޭގޮތުން ރައީސް އޮފީހުން ވިދާޅުވީ މިދަތުރުފުޅު ކުރައްވާނީ، މި މޭ މަހުގެ 6 އިން 7 އަށް ކަމަށެވެ. އަދި މި ދަދުތުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙު މުޙައްމަދާއި، ވަޒީރުންގެ މަޖިލީހާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ހިމެނިވަޑައިގަންނަވާކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެ އެވެ.
”މިދަތުރުފުޅުގައި، ޕާކިސްތާނުގެ ރައީސް މަމްނޫން ޙުސައިނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވޭ، މި ދަތުރުފުޅުގައި، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒް ޝަރީފާ ބައްދަލުކުރައްވައި، ދެޤައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެ، އަދި ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެ“ ރައީސް އޮފީހުން ވިދާޅުވެ އެވެ.
އެ އޮފީހުން އިތުރަށް ވިދާޅުވީ މީގެއިތުރުން، ކުޅިވަރާއި، ޞިއްޙަތާއި، ތަޢްލީމީ ދާއިރާއިން އަދި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމުގެ ގޮތުން ދެޤައުމު ދެމެދު އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށްވެސް ހަމަޖެހިފައިވާކަމަށެވެ.