އެލައިޑް އިންޝުއަރެންސް އާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެއް ”ރައްކާ“ ނަމުގައި ރޯޑް ޝޯއެއް ބާއްވަން ހަމަޖައްސާފައިވާކަމަށް ފުލުހުން ބުނެފިއވެ.
ފުލުހުން ބުނީ މި ރޯޑްޝޯ ބޭއްވުމުގެ ބޭނުމަކީ މާލޭގެ މަގުތަކަކީ ޢާއްމު ރައްޔިތުންނަށް އަމާން ރައްކާތެރި ތަނަކަށް ހެދުމަށާއި، މަގުމަތީގެ އެކްސިޑެންޓްތައް މަދުކޮށް އެކްސިޑެންޓްގެ ނުރައްކާތެރިކަން މުޖުތަމަޢުގައި ދިރިއުޅޭ ފަރުދުންނަށް ވިސްނައިދީ އެއްގަމުދަތުރުފަތުރުގެ ޤާނޫނު ނެގެހެއްޓުމަށްޓަކައި ބޭނުންވާ މުހިއްމު މަޢުލޫމާތު ފޯރުކޮށްދިނުމަށް ބާރުއެޅުމަށް ކަމަށެވެ.
އަދި މާލޭގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށް އެންމެންގުޅިގެން މަސައްކަތްކުރުމުގެ ރޫޙު އާލާކޮށް މާލޭގެ މަގުތަކަކީ އެންމެންނަށް އަމާން ރައްކާތެރިތަނަކަށްހެދުމުގެ މުހިއްމުކަން ވިސްނައިދީ އެކަމަށް ފުލުހުން ކުރާ މަސައްކަތުގައި އެހީތެރިވުމުގެ ގޮތުން އެލައިޑް އިންޝުއަރެންސުން އިސްނަގައިގެން ބާއްވާ މިރޯޑްޝޯގެ ޚަރަދު ހަމަޖައްސައިދެނީ އެލައިޑުން ކަމަށާއި މިރޯޑްޝޯ އޮންނާނީ 2014 ޑިސެމްބަރު 28 އަދި 29 ވަނަ ދުވަހު ރާޅުގަނޑު ސަރަޙައްދުގައި ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މި ރޯޑްޝޯ ކުރިޔަށް ގެންދިއުމުގެ ގޮތުން އެލައިޑް އިންޝުއަރެންސާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފައިވާކަމަށެވެ. އަދި މިއެއްބަސްވުމުގައި އެލައިޑް އިންޝުއަރެންސް ގެ ފަރާތުން ސޮއި ކުރެއްވީ ޖެނެރަލް މެނޭޖަރު ނިޔާޒް މުޙައްމަދު ކަމަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ސޮއިކުރެއްވީ ޓްރެފިކް ޕޮލިސް ޑިޕާޓްމަންޓުގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ދާއޫދު ކަމަށްވެސް ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށް ބުނީ ސޮއި ކުރުމަށްފަހު އެލައިޑާއި ފުލުހުންގެ ފަރާތުން ސޮއި ކުރެއްވި ދެބޭފުޅުން ވެސް ވާހަކަފުޅު ދެއްކެވި ކަމަށާއި އެގޮތުން ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމަކާއި އުފަލެއް ކަމަށް އެލައިޑްގެ ޖެނެރަލް މެނޭޖަރު ނިޔާޒް މުޙައްމަދު ވިދާޅުވި ކަމަށެވެ.
އަދި އެލައިޑުން މިފަދަ ޙަރަކާތެއް ބޭއްވުމަށް ފުލުހުންނާއެކު މަސައްކަތް ކުރެއްވުމަށް ނިންމަވައި މިކަމުގައި ފުލުހުންނަށް އެހީތެރިކަން ދެއްވީތީ ފުލުހުންގެ ފަރާތުން ފުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ދާއޫދު އެލައިޑަށް ޝުކުރު އަދާ ކުރެއްވި ކަމަށްވެސް ފުލުހުން ބުނެ އެވެ.