ރޭ ފުލުހުން އަތުލައިގަތް ބަންގުރާ ފުޅިތަކާ މާބްލް ހޮޓަލާ ގުޅުންހުރިކަމަށް ބެލެވޭތީ އެ ހޮޓަލާ މެދު ފިޔަވަޅު އެޅުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓާއި މިނިސްޓްރީ އޮފް ޓޫރިޒަމްގައި ފުލުހުން އެދިއްޖެއެވެ.
ރޭ 20:15 ހާއިރު 106 ފުޅި ބަނގުރާ އަތުލައިގެންފައިވަނީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާބްލް ހޮޓެލް ކައިރީގައި ހުންނަ އެ ހޮޓެލްގެ މެއިންޓެނެންސް މަސައްކަތުގައި ބޭނުންކުރާ ގުދަނެއްގެ ތެރެއަށް އެތަކެތި ވެއްދުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، ބިދޭސީއަކު ހިމެނޭގޮތުން، މާބްލް ހޮޓަލުގައި މަސައްކަތްކުރާ 3 މުވައްޒަފަކާއި އެތަކެތި އުފުލި ޓެކްސީގެ ޑްރައިވަރެވެ.
މި މައްސަލައާ ގުޅިގެން މިއަދު މެންދުރު ފަހުގެ ވަގުތެއްގައި މާބްލް ހޮޓާ ވަނީ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފައެވެ.
މި މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 4 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ޙާޟިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅައި ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް 5 ދުވަހުގެ ބަންދުގެ މުއްދަތެއް މިއަދު ދީފައިވާކަމަށް ފުލުހުން ބުނެ އެވެ.