ރައީސް ނަޝީދުގެ ބައިނަލްއަޤްވާމީ ޤާނޫނީ ވަކީލުންގެ ފަރާތުން އެމަނިކުފާނު ބަންދުކުރެވިފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދި އދ އަށް ބުރާސްފަތި ދުވަހު މައްސަލަ ހުށަހެޅުމަށް ވަނީ ހަމަޖެހިފައިވާކަމަށް ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފި އެވެ.
އެ ޓީމުން މިހެން ބުނީ ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުންނާ މާފުށީގައި ބައްދަލުކުރުމަށް ސަރުކާރުން ހުރަސް އަޅުއްވަމުން ގެންދާ ކަމަށްބުނެ އެކަމާ އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށް މިރޭ ނެރުނު ނޫސް ބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ރައީސް ނަޝީދުގެ ބައިނަލްއަޤްވާމީ ވަކީލުންނާ ފޯނުން ވާހަކަ ދެއްކެވުމުގެ ހުއްދަ ސަރުކާރުން ދެއްވާފައި ނުވާ ހިނދު، ބައިނަލްއަޤްވާމީ ވަކީލުންނާއި އެމަނިކުފާނާ މުޢާމަލާތް ކުރެވެނީ ޤާނޫނީ ވަކީލުން މެދުވެރިކޮށް ކަމަށެވެ. މިފަދަ ބޮޑު މައްސަލައެއް ދުނިޔޭގެ އެންމެ ބޮޑު ބައިނަލްއަޤްވާމީ ޖަމްޢިއްޔާއަށް ހުށަހެޅޭ ހިނދު އެމަނިކުފާނާ ޤާނޫނީ ވަކީލުންނާ ބައްދަލުކުރެއްވުމަށް ހުރަސްއެޅުއްވުމަކީ މި މައްސަލަ އދ. އަށް ހުށހެޅުމަށް ހުރަސް އެޅުއްވުން ކަމުގައިވެސް ދެކޭ ކަމަށެވެ.
”ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުން އެމަނިކުފާނާ ބައްދަލުކުރެއްވުމަށް ބުދަ ދުވަހު މާފުށީ ޖަލަށް ވަޑައިގަތުމުގެ ހުއްދަ ސަރުކާރުން ދެއްވުމަށް އިންކާރުކުރެއްވި، އަދި ވިދާޅުވީ ދެން ބައްދަލުކުރެއްވޭނީ ކުރިއަށް އޮތް މަހުގެ ތެރޭގައި ކަމަށް“ އެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޤޤާނޫނު އަސާސީގެ 51 (ބ) ގައި ކުށުން ބަރީޢަވުމަށް މަސައްކަތްކުރުމަށްޓަކައި އެކަށީގެންވާ ވަގުތާއި، އެކަށީގެންވާ ވަސީލަތްތައް ލިބެންވާނެކަމާއި އަދި އެ މީހަކު އިޚްތިޔާރުކުރާ ޤާނޫނީ ވަކީލަކާ މަޝްވަރާކުރުމަށް ފުރުޞަތު ދޭންވާނެކަމަށާއި 53 ވަނަ މާއްދާގައި ޤާނޫނީ ވަކީލެއްގެ އެހީއަކަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެފަދަ އެހީ ހޯދައި ލިބިގަތުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވާކަމުގައި ބަޔާންކޮށްފައިވާހިނދު ބުދަ ދުވަހު އެމަނިކުފާނުގެ ވަކީލުންނާ ބައްދަލުކުރުން ހުއްޓުވައި ހުރަސް އެޅުއްވުމަކީ ޤަނޫނު އަސާސީން ރައީސް ނަޝީދަށް ލިބިވަޑައިގެންފައިވާ ޙައްޤުން މަހްރޫމް ކުރުވުމަށް ސަރުކާރުން ޤަސްދުގައި ރާވައިގެން ކުރެވޭ ކަމެއް ކަމަށެވެ.
އަދި ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުންނާއި ބައްދަލުކުރުމަށް ސަރުކާރުން ހުރަސް އެޅުމަކީ އެމަނިކުފާނުގެ ބައިނަލްއަޤްވާމީ ވަކީލުން ކުރައްވާ މަސައްކަތަށް ކަނޑައެޅިގެން ހުރަސް އެޅުމަށް ކުރަމުންގެންދާ ޤާނޫނު އަސާސީއާ ޚިލާފް ކަމެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެ އެވެ.