ހުކުރު ދުވަހު ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް ފުލުހުން ހިންގަން ހަމަޖެހިފައިވާ އޮޕަރޭޝަން ކުރިޔަށް ގެންދަން ރާވާފައިވާގޮތް ފުލުހުންގެ އެގްޒެކެޓިވް ބޯޑަށް ހުށަހަޅައި އެ ހުށަހެޅުމާ އެއްގޮތަށް 2015 މޭ 1 ވަނަ ދުވަހު ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް ފުލުހުން ހިންގަން ހަމަޖައްސާފައިވާ އޮޕަރޭޝަން ހިންގުމުގެ ހުއްދަ އޮޕަރޭޝަން ކޮމާންޑަރަށް ފުލުހުންގެ އެގްޒެކެޓިވް ބޯޑުން މިއަދު ދީފިއެވެ.
ފުލުހުން ބުނީ މޭ 1 ވަނަ ދުވަހު ފުލުހުން ފަށާ މިއޮޕަރޭޝަންގެ ޕްލޭން ފުލުހުންގެ އެގްޒެކެޓިވް ބޯޑަށް ހުށަހަޅާފައިވަނީ މިއޮޕަރޭޝަންގެ ކޮމާންޑަރު އަދި އިންޓަރނަލް ސެކިއުރިޓީގެ ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން އާދަމް ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވީ ފުލުހުން ހިންގާ މިއޮޕަރޭޝަން ހިންގަންވާނީ ޤާނޫނީ ގޮތުން ފުލުހުންނާ މަތިކޮށްފައިވާ ވާޖިބާ ޒިންމާ އަދާކޮށް ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ކުރެވިގެންދާނެ ގޮތަށް ކަމަށެވެ. އަދި 2015 މޭ 1 ވަނަ ދުވަހު ސިޔާސީ ބައެއް ފަރާތްތަކުން މާލޭގައި މުޒާހިރާއެއް ބޭއްވުމަށް މަސައްކަތްކުރާއިރު ޤާނޫނީ އިމުގެތެރެއިން ޚިޔާލު ފާޅުކޮށް ޝުޢޫރު ފާޅުކުރަން ފުރުޞަތު ދިންނަމަވެސް ރައްޔިތުންގެ ޢާއްމު ދިރިއުޅުމަށް ބުރޫއަރައި، ރައްޔިތުންގެ ޙައްޤުތައް ގެއްލުވާލުމަށް އެއްވެސް ފަރާތަކަށް ފުރުޞަތު ދެވިގެން ނުވާނެކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.
މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވީ ޤައުމުގެ ހަމަޖެހުމާ ސަލާމަތާ ރައްކާތެރިކަމަށް އިސްކަންދީ ރައްޔިތުންގެ މުދަލާ ދައުލަތުގެ މުދަލުގެ ރައްކާތެރިކަމަށާ ފުރާނައާއި ނަފްސުގެ ރައްކާތެރިކަމަށް މަސައްކަތް ކުރުމީ ފުލުހުންގެ އެންމެ އިސް ވާޖިބަށް ހަދަން ޖެހޭނެ ކަމަށެވެ.
މޭމަހުގެ 1 ވަނަ ދުވަހު ފުލުހުން ކުރިޔަށް ގެންދާ އޮޕަރޭޝަނަށް ފުލުހުން ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާކަމަށާއި މިއަދު ފުލުހުން ދަނީ މިކަމަށް ބޭނުންވާ އެންމެ ފަހުގެ ތަމްރީނުތައް ހޯދައި ޚާއްޞަ ޙަރަކާތްތަކެއް ހިންގަމުން ކަމަށްވެސް ފުލުހުން ބުނެ އެވެ.