ރާއްޖޭގެ ސަރުކާރުގެ އިސްވެރިންގެ މުދާތައް ހިފަހައްޓައި، އެ ބޭފުޅުން ދުނިޔޭގެ އެހެން ގައުމުތަކަށް ދަތުރުކުރުން މަނާކުރުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) މެމްބަރު ގައުމުތަކަށް ގޮވާލާ ގަރާރެއް ޔޫރަޕިއަން ޕާލަމެންޓަށް ހުށަހަޅައިފި އެވެ.
އެ ގަރާރު އީޔޫގެ ޕާލަމެންޓަށް ހުށަހެޅީ ޑިމޮކްރަސީ އާއި އިންސާނިއްޔަތާ ހިލާފަށް ރާއްޖޭގެ ވެރިން އަމަލުކުރަމުންދާ ކަމަށް ބުނެ އެވެ.
އޫރަޕިއަން ޕާލަމެންޓަށް ހުށައަޅާފައިވާ މި ގަރާރުގައި ވަނީ ޓެރަރިޒަމްގް ކުށް ސާބިތުވެ ޖަލަށްލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އަދި ތޮލްހަތް އިބްރާހިމް އެއްވެސް ޝަރުތެއް ނެތި ދޫކޮށްލުމަށް ގޮވާލާފައި އެވެ. އަދި އެ ބޭފުޅުންގެ މައްޗައް އުފުލާފައިވާ ދައުވާތަކުން އެ ބޭފުޅުން މިނިވަން ކުރުމަށްވެސް ވަނީ ގޮވާލާފައި އެވެ.
މީގެ އިތުރުން މި ގަރާރުގައި ރާއްޖެއަށް ޒިޔާރަތް ކުރުމަަށް ވިސްނާ ޔޫރަޕްގެ ފަތުރުވެރިންނަށް ރާއްޖޭގައި އިންސާނީ ހައްގުތަކުގެ ހާލަތުގެ ފުރިހަމަ މައުލޫމާތު ދިނުމަށް ގޮވާލާފައި ވެއެވެ.
ޔޫރަޕިއަން ޕާލަމަންޓްއަށް ހުށައަޅާފައިވާ މި ގަރާރުގައި ދިވެހި ސަރުކާރަށް މައިގަނޑު ގޮތެއްގައި ތިން ކަމެއް ކުރުމަށް ވަނީ ގޮވާލާފައި އެވެ. އޭގެ ތެރޭގައި ފުރަތަމަ ކަމަކަށް ހަރުދަނާ ރަނގަޅު ޑިމޮކްރަސީއަކަށް ރާއްޖެ މަސައްކަތްކުރާ ކަމުގެ އިތުބާރު އަލުން ލިބިގަތުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، މިނިވަންކަމާއި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނަށް އިހުތިރާމް ކުރުމަށް ފުރުސަތު ދިނުމަށް ގޮވާލާފައިވެ އެވެ.
ދެވަނަ ކަމަކަމަށް ރާއްޖޭގެ ޝަރުއީ ނިޒާމް އަލުން ރީފޯމް ކުރުމަށް ވަނީ ގޮވާލާފަ އެވެ. ތިން ވަނަ ކަމަކަމަށް މަރުގެ ހުކުމްގެ މޮރަޓޯރިއަމް އަލުން ގާއިމްކުރުމަށް ވަނީ ގޮވާލާފައި އެވެ.
މި ކަންތައްތަކުގެ އިތުރުން، ގެއްލިގެން ހޯދަމުންދާ މިނިވަން ނޫހުގެ ނޫސްވެރިޔާގެ މައްސަލާގައި ފުރިހަމަ އަދި ރަނގަޅު ތަހުގީގެއް ކުރިއަށް ގެންދިއުމަށާއި ނޫސްވެރިންނަށާއި މިނިވަން މުވައްސަސާތަކުގެ މެމްބަރުންނަށް ދެމުންދާ އިންޒާރު ތަކާއި ހަމަލާތައް ތަހުގީގު ކުރުމަށްވެސް ވަނީ ގޮވާލާފައި އެވެ.
ޔޫރަޕިއަން ޕާލަމެންޓަށް ހުށައަޅާފައިވާ މި ގަރާރުގައި، ފާއިތުވެދިޔަ މަސްތަކުގެ ތެރޭގައި ރާއްޖޭގެ ސިޔާސީ މަސްރަހު ބަދަލުވެފައިވާ ގޮތާއި، ރައީސް ނަޝީދުގެ މައްޗައް އުފުލުނު ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުންތައް ދިޔަގޮތް ފާހަގަ ކޮށްފައި ވެއެވެ.
ދިވެހި ސަރުކާރުން ބުނެފައިވަނީ ރާއްޖޭގައި ގާނޫނީ ވެރިކަން ކަންކުރަންވީ ގޮތް ކިޔައިދިނުމުގެ ބާރު ބޭރުގެ ފަރާތްތަކަށް ނޯންނާނެ ކަމަށެވެ. އަދި އެ ފުރުސަތު ދިވެހި ސަރުކާރުން ނުދޭނެކަމަށް ރައީސް ޔާމީންވެސް ވިދާޅުވެފައިވެ އެވެ.