ގައުމުގެ ސުލްހަ މަސަލަސްކަން ނަގާލާ އެއްވެސް އެއްވުމެއްގައި ބައިވެރިނުވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ. މުހައްމަދު ޖަމީލް އަހުމަދު ގޮވާލައްވައިފި އެވެ.
ނައިބު ރައީސް ޖަމީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ގައުމުގެ އަމާންކަމާއި ސުލުހަ މަސަލަސްކަން ނަގާލާ ހަމަނުޖެހުމަށް މަގުފަހި ކުރުމަށް ބާއްވާ އެއްވުންތަކުގައި ބައިވެރިނުވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
މީގެ ކުރިން މިދިޔަ ފެބްރުއަރީ މަހު އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު އެއްވުމާއި ދިމާކޮށްވެސް ނައިބް ރައީސް ވަނީ ކުއްލިއަކަށް މީޑިއާގައި އެ މުޒާހަރާތަކުގައި ބައިވެރި ނުވެ، ކޯޓުތަކުން ކުރާ ހުކުމްތަކަށް އިހުތިރާމް ކުރުމަށް އިލްތިމާސް ކުރައްވާފަ އެވެ.
ނައިބު ރައީސް ޖަމީލް މިހެން ޓުވީޓު ކުރައްވާފައި މިވަނީ އަންނަ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ބޮޑު އެއްވުމަށް ބޭއްވުމަށް ނިންމާފައި ވަނިކޮށެވެ. އެހެންނަމަވެސް އެ އެއްވުމާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ ގާނޫނާއި ގަވާއިދުތަކާއި ހިލާފު އެއްވެސް އަމަލެއް އެ އެއްވުމުގައި ނުހިންގާނެ ކަމަށެވެ.
ސަލާމަތީ ބާރުތަކުން އިއްޔެ ދިން ބަޔާނެއްގައި ބުނެފައި ވަނީ އިވެމުންދާ އަޑުތަކާއި ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު އަންނަ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ބާއްވާ އެއްވުކީ ސުލްހަވެރި އެއްވުމެއް ކަމަށް ނުބެލެވޭނެ ކަމަށެވެ.
ފުލުހުން ވަނީ އަންނަ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ބާއްވަ އެއްވުމުގައި އިސްކޮށް ހަރަކާތްތެރިވާ ހުރިހާ ސިޔާސީ ޕާޓީތަކުގެ އިސްފަރާތްތަކާ ބައްދަލުކޮށްފައި އެވެ.