ރައްޔިތުންގެ މަޖިލީސް -- ދުވަސް ފައިލް ފޮޓޯ
ރައްޔިތުންގެ މަޖިލީސް -- ދުވަސް ފައިލް ފޮޓޯ

އިންޓަވިއުއަކާއި ނުލައި ޕަބްލިކް ސާވިސް މީޑިއާގެ ބޯޑަށް ހަތް ބޭފުޅުން އައްޔަން ކުރަން ފާސްކޮށްފި

ޕަބްލިކް ސާވިސް މީޑިއާގެ ބޯޑަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ހަތް ބޭފުޅުންގެ ނަން އިންޓަވިއުއަކާއި ނުލައި ކޮމެޓީން ފާސްކޮށްފި އެވެ.

މިއަދު ކުރިޔަށް ގެންދިޔަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އެ ހަތް ބޭފުޅުންގެ ނަން ފާސްކޮށްފައިވަނީ ހަ މެންބަރުން އެގޮތަށް ވޯޓުދެއްވުމުންނެވެ. އިންޓަވިއުއަކާއި ނުލައި ފާސްކުރުމާއި ދެކޮޅަށް ވޯޓު ދެއްވީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެކަންޏެވެ. އެބޭފުޅުންގެ ނަންތަށް ފާސްކުރަން ވޯޓުދެއްވީ ހުސް ސަރުކާރު ކޯލިޝަންގައި ހިމެނޭ މެންބަރުންނެވެ.

އެގޮތަށް ކޮމިޓީއަށް ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމެވެ.

ޕަބްލިކް ސާވިސް މީޑިއާގެ ބޯޑަށް އައްޔަން ކުރުމަށް ރައީސް ޔާމީން ފޮނުއްވާފައިވާ ހަތް ބޭފުޅުންނަކީ ދައުލަތުގެ މީޑިއާ މިހާތަނަށް ހިންގަމުން އައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމުގައި ހުންނެވި  އިބްރާހިމް އުމަރު މަނިކާއި ވީމީޑިއާގެ ސީއީއޯގެ މަގާމުގައި ހުންނެވި އިބްރާހިމް ހަލީލާއި، ވީމީޑިއާގެ ކުރީގެ ޑިރެކްޓަރު ޖެނެރަލް އޮފް ޕޮލިޓިކަލް އެފެއާޒު މުހައްމަދު އިކްރާމް އަބްދުއް ލަތީފާއި، ވީމީޑިއާ ގްރޫޕުގައި ހާމަނޫހާއި ވީމީޑިއާގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ މަހްމޫދު އަލީއާއި، ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު އަދި މަޝްހޫރު ފިލްމީ ތަރި އަބްދުﷲ މުއާޒުގެ އަނބިކަނބަލުން  އައިމިނަތު ޝާޔަން ޝާހިދާއި، ތ. ވިލުފުށި ހުސްނުހީނާގެ އިބްރާހިމް ހިލްމީގެ އިތުރުން މއ. ޕެންޒީ މުހައްމަދު ޝާގިލްގެ ނަމެވެ.

ޕަބްލިކް ސާވިސް މީޑިއާގެ ބިލް ރައީސް ތަސްދީގު ކުރެއްވީ އިއްޔެއެވެ. އެ ގާނޫނުގައި ބަޔާންކޮށްފައިވާގޮތުން އެ ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ޕަބްލިކް ސާވިސް މީޑިއާގެ ގަވާނިން ބޯޑް އެކުލަވާލައި އެ ބޯޑުގެ އިސް މަގާމުތަކަށާއި ޕަބްލިކް ސާވިސް މީޑިއާ ހިންގުމުގެ އެންމެ އިސް މަގާމުތަކަށް ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މީހުން އައްޔަންކޮށް މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ފަށަންވާނެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *