ހުރަވީ ބިލްޑިންގ -- ފޮޓޯ: ގޫގުލް
ހުރަވީ ބިލްޑިންގ -- ފޮޓޯ: ގޫގުލް

އިމާރާތް ބަދަލު ކުރަން ޖެހުމުން ދެ ހަފްތާއަށް މަސައްކަތް ހުއްޓޭނެ: ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލްގެ މަސައްކަތްތައް ހުރަވީ ބިލްޑިންގްއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާތީ ކައުންސިލުން ދެމުންގެންދާ ހިދުމަތްތައް ކުރިއަށް އޮތް ދެހަފްތާއަށް ހުއްޓޭނެ ކަމަށް ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ހުރަވީ ބިލްޑިންގެ ހާލަތު ނޫސްވެރިންނަށް ދައްކާލުމަށް ފަހު ޝިފާ ވިދާޅުވީ ކުއްލިއަކަށް ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތް އެ އިމާރާތަށް ބަދަލުކޮށް މަސައްކަތް ފަށައިގެންނަން އުނދަގޫވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ކުރިޔަށް އޮތް ދެ ހަފްތާއަށް ހުއްޓޭނެ މަސައްކަތްތަކުގެ ތެރޭގައު ކައުންސިލުން ދެމުންގެންދާ ގެދޮރުގެ ހުރިހާ މަސައްކަތެއް ހިމެނޭ ކަމަށެވެ.

ޝިފާ ވިދާޅުވީ ކައުންސިލްގެ މަސައްކަތްތައް އެހެން އިމަރާތަކަށް ބަދަލު ކުރުމަށް އެކަށީގެންވާ ވަގުތު ބޭނުންވާ ކަަމަށާއި އަދި އެކަމަށް ބަޖެޓްވެސް ބޭނުންވާ ކަމަށެވެ. ނަމަވެސް ކުރިން ހުރަވީ ބިލްޑިންގ ގައި ހިންގި ޖެންޑާ މިނިސްޓްރީ ހުސްކޮށް ކައުންސިލާއި ތަޅުދަނޑި ހަވާލު ކުރީ މިދިޔަ ހުކުރު ދުވަހު ކަމަށާއި ތަނުގެ ހާލަތަށް ބަލާއިރު މުވައްޒަފުން މަސައްކަތް ކުރަން އެކަށީގެންވާ މާހައުލެއް އެތާނގައި ނެތް ކަމަށެވެ.

”އަޅުގަނޑުމެން ބަލަމުން މި ގެންދަނީ ހުރަވީ ބިލްޑިންއަށް ސިވިލް ސާވިސްގެ މުއައްޒަފުން ބަދަލުކުރުމަށް ކިތައް ޑިޕާޓްމަންޓް ބޭނުންވާތޯ. ޖާގައަށްވުރެ އަޅުގަނޑުމެން ކަންބޮޑުވަނީ މިތަނުގައި މީދަލުގެ އުނދަގޫ ބޮޑުކަމުން. ތަނުގެ ހާލަތުވެސް ވަރަށް ގޯސް،“ ޝިފާ ވިދާޅުވި އެވެ.

ޝިފާ ވިދާޅުވީ މިއީ ސަރުކާރުން ސިވިލް ސާވިސްގެ މުއައްޒަފުންނަށް ދެއްވާ ވަރަށް ބޮޑު އަނިޔާއެއް ކަމަށާއި އެކަމާއި ކަންބޮޑުވާ ކަމަށެވެ. އަދި ވިދާޅުވީ ސިޓީ ކައުންސިލްގައި އެމްޑީޕީގެ މެޖޯރިޓީ އޮތުން އެއީ އެތަނުގައި މަސައްކަތްކުރާ ސިވިލް ސާވިސްގެ މުއައްޒަފުންނަށް އަނިޔާކުރުމުގައި ޖާގަލިބެންވީ ކަމެއް ނޫން ކަމަށެވެ.

ސިޓީ ކައުންސިލްގެ މަސައްކަތްތައް މިމަހުގެ 27 ވަނަ ދުވަހުގެ 03:00 ކުރިން ހުރަވީ ބިލްޑިންއަށް ބަދަލު ކުރުމަށް ހައުސިން މިނިސްޓްރީން ވަނީ ނޯޓިސް ދީފައެވެ.

މާލެ ސިޓީ ކައުންސިލް އިދާރާ ހިންގުމަށް ދީފައިވާ އިމާރާތާއި ބިން ސަރުކާރަށް ނަގަން ކެބިނެޓުން ނިންމީ މިމަހުގެ 20 ވަނަ ދުވަހު އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *