ސްޕެޝަލިސްޓް އޮޕަރޭޝަންސް (އެސްއޯ) ފުލުހުން އެކި އޮޕަރޭޝަންތަކުގައި ހަރަކާތްތެރި ވާނެ ގޮތުގެ ފަރިތަކުރުންތަކުގެ ނަމުގައި ހިންގާ ހާއްސަ ތަމްރީން ތަކެއް ފޭދޫ ފިނޮޅުގައި ކުރިޔަށް ގެންދަން ފަށައިފިއެވެ.
ފުލުހުން ވަކި ނަމެއްގައި ކުއްލިއަކަށް ފަރިތަކ ކުރުންތަކެއް ފަށާފައިވާއިރު މައުލޫމާތު ލިބިފައިވާ ގޮތުގައި އެތަމްރީން ތަކަކީ ”މޭޑޭ“ އަށް ހާއްސަ ކޮށްގެން ފުލުހުން ކުރިއަށް ގެންދަން ފަށާފައިވާ ތަމްރީން ތަކެކެވެ.
ފުލުހުން ބުނީ އެތަމްރީނުތަކަކީ ފުލުހުންހިންގާ އެކިއެކި އޮޕަރޭޝަންތަކުގައި އެސްއޯ ފުލުހުން ހަރަކާތްތެރިވާނެ ގޮތްތައް އިތުރަށް ފަރިތަކުރުމަށާއި ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި އޮޕަރޭޝަނަލް ހާލަތްތަކުގައި ސްޕަޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ބޭނުންކުރާ އެކިއެކި ހުނަރުތަކާ އުކުޅުތައް އިތުރަށް ފަރިތަކުރުމަށް ހިންގާ ތަމްރީނު ތަކެކެއް ކަމަށެވެ.
މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން ކުރިޔަށް ގެންދާ ތަމްރީން ތަކުގައި އެކިއެކި ހާލަތްތަކުގައި ސްޕެޝަލިސްޓް އޮޕަރޭޝަނަސްގެ ފުލުހުން މަސައްކަތްތައް ކުރިޔަށް ގެންދާނެ ގޮތްތަކާއި ކުރިމަތި ވެދާނެ ނުރައްކާތެރި ހާދިސާތަކުން ރައްޔިތުން ސަލާމަތް ކުރާނެ ގޮތުގެ ތަމްރީންތައް ދެވޭނެ ކަމަށް ފުލުހުން ބުނެއެވެ. އަދި މުދާ ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާނެ ގޮތްތަކުގެ އިތުރުން އެކި އެކި އެއްވުންތަކާ މުޒާހިރާތައް ކޮންޓްރޯލް ކުރުމުގައި މަސައްކަތް ކުރާނެ ގޮތްވެސް ފަރިތަކުރަމުން ގެންދާނެ ކަމަށް ފުލުހުން ބުނެއެވެ.
މާލެ އާއި މާލެ ސަރަޙައްދުގެ ބައެއް ހިސާބުތަކުގައި ހިންގާ އެ ތަމްރީނުތަކުގެ ފުރަތަމަ ބައި ގެންގޮސްފައިވަނީ ފޭދޫ ފިނޮޅުގައެވެ.
ފުލުހުން ބުނީ ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ހިންގާ އެތަމްރީނުތަކުގައި އެޑިޕާޓްމަންޓުގެ ހުރިހާ ފުލުހުންނާ އެކި ޑިޕާޓްމަންޓްތަކުން އެޑިޕާޓްމަންޓަށް ބަދަލުކުރި ހުރިހާ ފުލުހުން ބައިވެރިވާނެ ކަމަށެވެ.
ފުލުހުން އެދުވަހަށް ތައްޔާރު ވަމުންދާއިރު ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ ”މޭޑޭ“ އަކީ ނަތީޖާ ނެރޭނެ ދުވަހެއް ކަމަށެވެ. މިއަންނަ ހުކުރު ދުވަހު ބާއްވާ ބޮޑު މުޒާހަރާއަށް އަތޮޅުތަކުން މީހުން އަންނާނެ ކަމަށް އެމުޒާހަރާ އިންތިޒާމު ކުރާ ފަރާތް ތަކުން އަންނީ ބުނަމުންނެވެ.