ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓަކުންގެ މެދުގައި ބާއްވާ ޕްރައިމަރީއަށް ކުރިމަތިލެއްވި މުހައްމަދު ހާނިމްގެ ނަންވެސް އަނބުރާ ނަގައިފި އެވެ.
ހާނިމްގެ ނަން އަނބުރާ ނަގާފައިވާއިރު އިއްޔެގެ ވަގުތެއްގައި މ. ދިއްގަރު ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި އިމްރާން އިސްމާއިލްގެ ނަންވެސް ވަނީ އަނބުރާ ނަގާފަ އެވެ.
ހާނިމް އަދި އިމްރާންގެ ނަން އަނބުރާ ގެންދަވަން ނިންމެވި ސަބަބެއް އަދި ސާފެއް ނުވެ އެވެ. ނަމަވެސް އެ ދެމީހުންގެ ނަންވެސް އަނބުރާ ގެންގޮސްފައިވާކަން ދުވަހަށް ވަނީ ކަށަވަރު ވެފަ އެވެ.
އިމްރާން ޕްރައިމަރީ އިން ނަން އަނބުރާ ނެގުމަށް އެދިފައިވާއިރު ޕީޕީއެމްގެ ޕްރައިމަރީގައި ދިއްގަރު ދާއިރާއަށް ކުރިމަތިލެއްވުމަށް ނިންމަވާފައިވާ މ. އަތޮޅު ކައުންސިލަރު މޫސާ ނަސީރު އަހުމަދު ވަނީ ޕްރައިމަރީ އިން ނަން އަނބުރާ ގެންދަވާފަ އެވެ.
ޖުމްލަ ފަސް ފަރާތަކުން ޕްރައިމަރީއަށް ކުރިމަތިލިނަމަވެސް މިހާރު ތިން މީހަކު އަނބުރާ ނަން ނެގުމުން ޕީޕީއެމް ދިއްގަރު ދާއިރާގެ ޕްރައިމަރީގައި ވާދަކުރައްވާނީ ފާރިޝް މައުމޫންގެ އިތުރުން މ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ނަސީރެވެ.
ޕީޕީއެމުން ބުނީ ދިއްގަރު ދާއިރާގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދާނީ މާދަމާ މެންދުރު 2:00 އިން ފެށިގެން 5:00 އަށް ކަމަށެވެ. އެގޮތުން ރަތްމަންދޫ ފިޔަވައި ދިއްގަރު ދާއިރާގެ ހަތަރު ރަށުގެ އިތުރުން މާލޭގައި ވެސް ވޯޓުލުން ކުރިއަށް ގެންދާނެ ކަމަށް ޕީޕީއެމުން ބުންޏެވެ.
One Response
އެންމެ ފަހުގަޑީގައި ހުންނާނީ މަޢުމޫނުގެ ދަރި އެކަނި……..