މާލޭގައި ކުރިއަށްގެންދާ މުޒާހަރާތަކުގެ ޒިންމާވާނެ ފަރާތްތަކުގެ ޒިންމާވާ ފަރާތެއް ނެތުމުން ކަންބޮޑުވާކަމަށް ޕީޕީއެމްއާއި ޖުމްހޫރީ ޕާޓީން ހާމަކޮށްފި އެވެ.
އެ ދެޕާޓީން މިކަން ހާމަކުރީ ފުލުހުން އިސްނަގައިގެން ސިޔާސީ ޕާޓީތަކާއެކު ކުރިއަށްގެންދާ ބައްދަލުވުންތަކުގައި ޖުމްހޫރީޕާޓީއާއި ޕީޕީއެމާއެކު ފުލުހުން ބޭއްވި ބައްދަލުވުންތަކުގައި ވާހަކަދައްކަމުންނެވެ.
އިއްޔެގެ ވަގުތެއްގައި އިސްކަންދަރު ބިލްޑިންގައި ސިޔާސީ ޕާޓީތަކާއި ވަކިވަކިން ބޭއްވި ބައްދަލުވުންތަކުގައި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް ޗީފް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އިސްމާޢީލް ނަވީން ދެއްކެވި ވާހަކަފުޅުގައި މާލޭގައި މިހާރު ބާއްވާ އެއްވުންތަކާއި މުޒާހިރާތަކަކީ ކޮން ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާކަން ސާފުނުވާކަމަށާއި މިފަދަ އެއްވުންތަކާއި މުޒާހިރާތައް ކޮން ފަރާތަކުން ކުރިއަށްގެންދާ ކަންތައްތަކެއްން އެނގުމަކީ މުހިއްމުކަމެއްކަމަށެވެ. އަދި ބައެއް ޕާޓީތަކުން މުޒާހިރާތަކުގައި ބައިވެރިނުވާކަމަށް ފުލުހުންނަށް މަޢުލޫމާތު ދީ އެޕާޓީތަކުން އިސްކޮށް ހަރަކާތްތެރިވާ ފަރާތްތައް ބައިވެރިވަނީ އަމިއްލަ ހައިސިއްޔަތަކުންކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން ކޮންމެ ސިޔާސީ ޕާޓީއަކުންވެސް އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާ އެއްގޮތް ވާގޮތުގެ މަތިން ކަންކަން ކުރަމުން ގެންދިޔުމަށާއި ރައްޔިތުން ހޭލުންތެރިކުމަކީ މުހިއްމުކަމެއްކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު ސަލާމަތާއި ރައްކާތެރިކަމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގައި ސިޔާސީ ޕާޓީތަކުންވެސް އެއްބާރުލުން ދިނުމާއި ގުޅޭގޮތުންނާއި މާލޭގައި ބާއްވާ އެއްވުންތަކާއި މުޒާހިރާތަކުގައި އާއްމު ރައްޔިތުންނަށް ދިމާވާ ދަތިތަކާއި ފުލުހުންނަށް ހުށަހަޅާ ޝަކުވާތައް ނާންނެ ފަދަ ގޮތަކަށް ކަންކަން ކުރުމަށް ޕާޓީތަކުން މަސައްކަތްކުރުމަށް އެދިލެއްވިއެވެ. އަދި މިފަދަ އެއްވުންތަކުގައި ފުލުހުންނަށް ފާހަގަކުރެވޭ ކަންކަން ކަމާބެހޭ ފަރާތްތަކަށް ހިއްސާކުރަމުންދާކަމަށްވެސް ނަވީން ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ބައިވެރިވި ސިޔާސީ ބައެއް ޕާޓީތަކުގެ އިސްފަރާތްތަކުން ދެއްކެވި ވާހަކަފުޅުތަކުގައި ސަލާމަތާއި ރައްކާތެރިކަން ޤާއިމްކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގައި އެޕާޓީތަކުން ފުލުހުންނަށް އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންގެ ޤާނޫނީ ޒިންމާ އަދާކުރުމުގައި ދެމިތިބުމަށް ވިދާޅުވިއެވެ.
ވަކިވަކިން ބޭއްވި މި ބައްދަލުވުންތަކުގައި ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމްގެ ބައެއް އިސްފަރާތްތަކުންނާއި އެޕާޓީތަކުގެ ކައުންސިލް މެމްބަރުންނާއި ޕާލިމެންޓަރީ ގްރޫޕުގެ މެމްބަރުން ބައިވެރިވެލެއްވިއެވެ.
ފުލުހުން އިސްނަގައިގެން ސިޔާސީ ޕާޓީތަކާއި ބައްދަލުކުރުމަށް ބާއްވާ މި ބައްދަލުވުންތަކުގެ ތެރެއިން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ބައްދަލުކުރުމަށްވެސް ހަމަޖެހިފައިވާކަމަށް ފުލުހުން ބުނެއެވެ.