އެ އިރެއްގައި އޮންނަ ސަރުކާރުން ހުށަހަޅާ ހަދިޔާ ގަބޫލުނުކުރުމަށް، މިނިވަން މުއައްސަސާތަކުގެ އިސްވެރިންނަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ގޮވާލައިފިއެވެ.
ނަޒާހާތްތެރިކަމުގެ ގައުމީ އެވޯޑު ޓްރާންސްޕޭރެންސީ މޯލްޑިވްސްއަށް ލިބުމާއި ގުޅިގެން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ގާނޫނީ އޮނިގަނޑުން ބޭރުން ސުވާލު އުފެދޭ ފަދަ ހާލަތްތަކުގައި ސަރުކާރުން ހުށަހަޅާ ހަދިޔާ ގަބޫލް ނުކުރުމަށް މުއައްސަސާތަކުގެ ވެރިންނަށް ގޮވާލާ ކަމަށެވެ. އެ ޖަމިއްޔާއިން ބުނެފައިވަނީ ދައުލަތުގެ އެކި ގުނަންތަކުގައި އާއި މިނިވަން މުސްތަގިއްލު މަގާމުތަކާއި މުއައްސަސާތަކުގައި ތިއްބަވާ އިސްވެރިންގެ ނަޒާހަތްތެރިކަން ދެމެހެއްޓުމަކީ މަގާމުގެ މަސްއޫލިއްޔަތުގެ ގޮތުން އެފަރާތްތަކުގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމަށެވެ.
“އެހެންކަމުން ގާނޫނީ އޮނިގަނޑުގެ ބޭރުން، ސުވާލު އުފެދޭ ހާލަތްތަކުގައި ސަރުކާރުން ހުށަހަޅައި ހަދިޔާ ގަބޫލު ނުކުރުމަށް މިނިވަން މުއައްސަސާތަކުގެ އިސްވެރިންނަށް މި ޖަމިއްޔާއިން ގޮވާލަމެވެ.” ޓްރާންސްޕޭރެންސީއިން ނެރުނު ބަޔާނުގައިވެއެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ ނަޒާހަތްތެރިކަން ދެމެހެއްޓުމަށާއި މުއައްސަސާތަކާއި މެދު ރައްޔިތުންގެ އިތުބާރު އިތުރުކުރުމަށްޓަކައި، މިނިވަން މުއައްސަސާތަކުގެ ވެރިން، ކޮރަޕްޝަނާއި ފަސާދައިގެ ތުހުމަތުތަކުން ސަލާމަތްވެ، ރިޝްވަތާއި، ނުފޫޒުގެ ތުހުމަތުތަކުން އެއްކިބާވެ ތިބެ މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ހދ.ކުޅުދުއްފުށީގައި އެންޓި ކޮރަޕްޝަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރޭ ޖަލްސާއެއް ބާއްވާފައިވާއިރު، ”ނަޒާހަތްތެރިކަމުގެ ގައުމީ އިނާމް“ ޓްރާންސްޕޭރަންސީގެ އިތުރުން އޮޑިޓަ ޖެނެރަލްގެ އޮފީހަށް ލިބިފައިވެއެވެ.